28 Mar 2022, 22:09
ސައުދީ އަރަބިއާގެ މައި ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯގެ ތެޔޮ އުފައްދާ މަރުކަޒަކަށް ޔަމަނުގެ ހޫތީން ދިން ޓެރެރިސްޓް ހަމަލާ ރާއްޖެއިން ކުށްވެރި ކޮށްފިއެވެ.
މި މަހުގެ 25 ވަނަ ދުވަހާއި 26 ވަނަ ދުވަހު މެދުކެނޑުމެއް ނެތި ހޫތީން ދިން މި ހަމާލާތައް އަމާޒު ކޮށްފައިވަނީ ތެޔޮ އުފައްދާ މަރުކަޒަށާއި އާއްމުން ދިރިއުޅޭ ސަރަހައްދަށެވެ.
މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސައުދީއަށް ދެމުން ދިޔަ ޓެރެރިސްޓް ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ޤާއިމު ކުރުމަށް ޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުން ކުރަމުން އަންނަ މަސައްކަތަށް ބުރޫ އަރާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ސައުދީ އަރަބިއާ އާއިއެކު ކަމަށެވެ. އަދި ޓެރެރިޒަމްއާ ދެކޮޅަށް ދުނިޔެއިން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ހަމަލާއަކީ ހޫތީން ދިން ހަމަލާއެއް ކަމަށް އެ ޖަމާއަތުގެ ތަރުޖަމާނު ޔަޙުޔާ ސަރިއާ ވަނީ އެއްބަސްވެފައެވެ. އޭނާ ބުނީ ޑްރޯން އާއި ރޮކެޓް ބޭނުން ކޮށްގެން ސައުދީއަށް ހަމަލާ ދީފައިވާނެ ކަމަށެވެ.