28 Mar 2022, 22:14
"ބާރަތު ބަންދު"ގެ ނަމުގައި އިންޑިއާގެ ޓްރޭޑް ޔޫނިއަންތަކުން ކުރިއަށްގެންދާ ދެ ދުވަހުގެ އިހުތިޖާޖުގެ ސަބަބުން އާންމު ނިޒާމު ހުއްޓި، އެ ގައުމުގައި ތިބި ދިވެހީންނަށް ވެސް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެ ގައުމުގެ ޓްރޭޑް ޔޫނިއަންތަކުން އިހުތިޖާޖު ކުރަމުން ދަނީ "މަސައްކަތްތެރީންނާއި، ދަނޑުވެރިންނާއި ގައުމިއްޔަތާ ދެކޮޅު" ސިޔާސަތުތައް ސަރުކާރުން ތަންފީޒުކުރަމުންދާތީ ކަމަށް އެ ޔޫނިއަންތަކުން ބުނެއެވެ.
މި އިހުތިޖާޖުތައް އިންޑިއާގެ އެކި ސަރަހައްދުގައި ކުރިއަށްދެއެވެ. އެންމެ ވަރުގަދަޔަށް ހަރަކާތްތައް ހިންގަމުން ދަނީ ވާތު ފިޔައިގެ ޓްރޭޑް ޔޫނިއަންތަކުގެ ބާރުގަދަ ކެރަލާ ސްޓޭޓުގައެވެ.
އޭގެ އިތުރުން ވެރިރަށް ދިއްލީއާއި، ހަރްޔާނާ، އަންދުރަ ޕްރަދޭޝް އަދި ޕަންޖާބުގައި ވެސް މުޒާހަރާތައް ދަނީ ވަރަށް ވަރުގަދަޔަށް ކުރިއަށް ގެންދަމުންނެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ކެރަލާގައި ހުންނަ ސަރުކާރުގެ ގިނަ އޮފީސް ތަކާއި، ވިޔަފާރިތައް ވެސް މިއަދާއި މާދަމާގެ އިހުތިޖާޖުގެ ސަބަބުން ވަނީ ބަންދުވެފައެވެ.

އިންޑިއާގައި ކުރިއަށްދާ "ބާރަތު ބަންދު" އިހުތިޖާޖުގެ ސަބަބުން މަގުތައް ހުސްވެފައި --- ފޮޓޯ/ އިންޑިއާ އެކްސްޕްރެސް
މީގެ އިތުރުން އެ ގައުމުގެ ގިނަ ބޭންކުތަކުގެ މުވައްޒަފުން ވެސް އިހުތިޖާޖުގައި ބައިވެރިވާތީ، އެ ތަންތަނުގެ ޚިދުމަތަށް ވެސް ވަނީ ބުރޫއަރާފައެވެ. ބޭންކުތަކުގެ މުވައްޒަފުންގެ ޔޫނިއަނުން ޑިމާންޑުކުރަނީ ޕަބްލިކް ބޭންކުތައް ޕްރައިވަޓައިޒް ކުރުން ހުއްޓާލުމަށެވެ.
ސިނާއީ މަސައްކަތްތެރީން ގިނަ އެހެން ސަރަހައްދުތަކުގައި ވެސް އެ އިހުތިޖާޖުތަކުގެ މަގުބޫލުކަން ބޮޑެވެ.
ކޮޗިންގައި ބޭސްފަރުވާއަށް ގޮސް ހުރި ދިވެއްސަކު މިއަދު "ސަން"އަށް ބުނީ މުޒާހަރާތަކުގެ ސަބަބުން އާންމު ޚިދުމަތްތަކަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
"ހުރިހާ ފިހާރަތަކެއް ބަންދު. އެތެރޭގެ މަގުތައް ހަމަ އެއްކޮށް ހުސްކޮށް އޮތީ މައިމަގުގައި މުޒާހަރާ ކުރާތީ. ތަނަކަށް ދާން ކުރޮޅިއެއް ވެސް ނުލިބޭ،" އޭނާ ބުންޏެވެ.
ކޮޗިން އަކީ ބޭސްފަރުވާއަށާއި، އެހެނިހެން ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ދާ ރަށެކެވެ.
އިންޑިއާގެ ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ހޮސްޕިޓަލްތަކާއި، ރޭލުތައް ފަދަ އަސާސީ ޚިދުމަތްތައް ކަރަންޓު ނުލިބުމުގެ ސަބަބުން ހުއްޓުނަ ނުދިނުމަށް ސަރަހައްދީ ސަރުކާރުތަކަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.