ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގައި ޕީޕީއެމުން ނުކުންނަ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ)ގެ ނަން، ވޯޓް ކަރުދާހުން ނުނެގުނު ނަމަވެސް ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އަބްދުﷲ ޖާބިރަށް ޕީޕީއެމުން ދޫދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.

މަހުލޫފު ވިދާޅުވީ ކާށިދޫ ދާއިރާގެ ގޮނޑިއަށް އިއްތިހާދުގެ ދެ މެންބަރަކު ވާދަ ކުރައްވައިފިނަމަ އެމްޑީޕީއަށް އެ ގޮނޑި ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ކޮންމެ ވެސް އެއް ބޭފުޅަކު ދޫދެއްވަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި މިވަގުތު އެންމެ ރަނގަޅު ވާނީ ވައްޑޭ ދޫދެއްވުން ކަމަށެވެ. އޭގެ ސަބަބެއް ކަމަށް މަހުލޫފު ވިދާޅުވީ ޖާބިރު އެމްޑީޕީގައި ހުންނެވިއިރު ވެސް ކާށިދޫ ދާއިރާއަށް މަސައްކަތްތަކެއް ކޮށްދެއްވާފައިވުމާއި މިހާރުވެސް އެ ދާއިރާގެ ތަރައްގީގެ ކަންތައްތައް ކުރައްވަމުން ގެންދަވާތީ ގޮނޑި ކާމިޔާބު ކުރަން ފަސޭހަވާނީ ވެސް ޖާބިރަށްވުމުން ކަމަށެވެ.

"ކައުންސިލްގައި އެ މައްސަލައިގައި ހިޔާލު ތަފާތުވެގެން އުޅެނީ އެންމެ ހަ މެންބަރުން. ދެން ކައުންސިލްގެ އަޣުލިއްޔަތު ބުނަނީ ވައްޑޭ ކާށިދޫ ގޮނޑިއަށް ވާދަ ނުކުރުމަށް،" މަހުލޫފު ވިދާޅުވި އެވެ.
ވައްޑޭއަށް ތާއީދު ކުރާ ކައުންސިލް މެންބަރަކު ނަން ހާމަނުކުރުމަށް އެދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑިއަކަށް ޕީޕީއެމުން ވާދަކުރަންޖެހޭނެ ކަމަށް ކައުންސިލުން އިއްތިފާގުވެގެން ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމާ ހިލާފުވެގެން ނުވާނެ ކަމަށާއި ދާއިރާގައި ތާއީދު އޮތީ ޕީޕީއެމަށް ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ކެނޑިޑޭޓަކު އެދާއިރާއަށް ވާދަކުރުން ކޮންމެހެން ވެސް މުހިއްމު ކަމަށެވެ.

އިންތިހާބަކަށް ކުރިމަތިލިމީހުންގެ ނަންތައް ތަރުތީބުކޮށް އިއުލާން ކުރުމަށްފަހު އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ނަން އަނބުރާ ނުގެންދެވޭނެ ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބުނެފައި ވާތީ ދެން ވައްޑޭގެ ނަން އަނބުރާ ނުގެންދެވޭނެ އެވެ.

މި މައްސަލާގައި މަހުލޫފު ވިދާޅުވީ ވައްޑޭގެ ނަން އަނބުރާ ނުނެގުނަސް، ވައްޑޭގެ އިހުތިޔާރާއެކު ޕީޕީއެމުން ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކަށް ތާއީދު ކުރާކަން ހާމަކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވެން އޮތީ ވައްޑޭ ދޫދެއްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާބެހޭ ގޮތުން ވައްޑޭގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބުނެވެ.