28 Mar 2022, 18:48
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށް އިތުބާރުއޮތްތޯ ބެލުމަށް އެގައުމުގެ އިދިކޮޅުން ޕާލަމެންޓަށް ހުށަހަޅާފައިވާ މައްސަލައަކީ ބޭރުގެ ފަރާތްތަކެއް އަޑީގައި ތިބެގެން ހިންގާ އަޑި ނޭނގޭ "ބޮޑު ރޭވުން ގަނޑެއް" ކަމަށް އިމްރާންޚާން ވަނީ ތުހުމަތު ކުރައްވާފައެވެ.
އިމްރާންއަށް ތާއީދު ކުރުމުގެ ގޮތުން އޭނާގެ ތަހްރީކީ އިންސާފު ޕާޓީ (ޕީޓީއައި) އާއި އިމްރާންޚާން އަށް ތާއީދުކުރާ އާންމުން އިސްލާމް އާބާދުގައި އިއްޔެ ބޭއްވި ބޮޑު އެއްވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިތުބާރުގެ ވޯޓަކުން އޭނާގެ ވެރިކަން ވައްޓާލުމަށް ފައިސާ ޚަރަދުކުރަނީ ބޭރުގެ ފަރާތްތަކަކުން ކަމުގައެވެ. އަދި އެއީ އަޑި ނޭނގޭ "ބޮޑު ރޭވުން ގަނޑެއް" ކަމަށްވެސް ސިފަކުރެއްވިއެވެ. ނަަމަވެސް ބޭރުގެ ފަރާތްތަަކަކީ ކޮންފަރާތްތަކެއްކަން އޭނާ ހާމައެއް ނުކުރައްވައެެވެ.
އިމްރާންޚާން ވިދާޅުވީ ޚުދު އޭނާއަށްވެސް ބިރުދެއްކުމުގެ މެސެޖުތައް ލިބެމުންދާ ކަމަށާއި ނަމަވެސް ޕާކިސްތާނުގެ އަމިއްލަވަންތަކަމާއި ގައުމީ މަސްލަހަތުގެ ދިފާއުގައި އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައެވެ.
އިމްރާން ޚާންއަށް އިތުބާރުއޮތްތޯ ބެލުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހަޅާފައިވަނީ ޕާކިސްތާނުގެ އެންމެބޮޑު އިދިކޮޅު ޕާޓީކަމަށްވާ ނަވާޒް ޝަރީފުގެ "ޕާކިސްތާން މުސްލިމް ލީގް ނަވާޒް" (ޕީއެމްއެލް-އެން) ޕާޓީއާއާއި އަދި ކޮންޒަވެޓިވް ފިކުރުގެ އެހެން ޕާޓީއެއްކަމަށްވާ ޖަމްއިއްޔަތު އުލަމާއުލްއިސްލާމް (އެފް) ޕާޓީންނެވެ.
މިކަމަށް އިދިކޮޅު އަނެއް ޕާޓީކަމަށްވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ "ޕާކިސްތާން ޕީޕަލްސް ޕާޓީ" (ޕީޕީޕީ) ގެ ތާއީދުވެސް އެބައޮތެވެ. ޕާކިސްތާނުގެ އިދިކޮޅު ޕާޓީތައް ގުޅިގެން އިމްރާންޚާން އާ ދެކޮޅަށް ބޮޑު އެއްވުމެއް އިސްލާމް އާބާދުގައި މިއަދު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
އިމްރާން ޚާންއަށް އިތުބާރުއޮތްތޯ ބެލުމަށް ޕާލަމެންޓްގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓު މިހާރުވަނީ އަންނަ ހަފްތާއަށް ފަސްކުރެވިފައެވެ. ޕާކިސްތާނުގެ މަސްދަރުތައް ބުނާގޮތުން މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަދުވަހުއެވެ.
އިމްރާންޚާންގެ ތަހްރީކީ އިންސާފު ޕާޓީ (ޕީޓީއައި) އާއެކު ކޯލިޝަން ހަދާފައިވާ ކުދި ޕާޓީތަކަށް ޕާލަމެންޓްގައި އޮންނަނީ ހަނި އަޣްލަބިއްޔަތެކެވެ. އިދިކޮޅުން އިމްރާންޚާންގެ މައްޗަށް އިތުބާރުގެ ވޯޓެއް ނަގަން މިއުޅެނީ އިމްރާންޚާންގެ "ޕީޓީއައި" އާއި އެޕާޓީގެ ކޯލިޝަންގައި ހިމެނޭ ކުދި ޕާޓީތަކާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މިގޮތުން އިމްރާންޚާންގެ ކޯލިޝަންގައި ހިމެނޭ ބަލޫޗް ޕާޓީގެ ލީޑަރު ނަވާބު ޒާދާ ޝާހުޒައިން، އިދިކޮޅާ ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު އިމްރާންޚާންގެ ސަރުކާރުގެ ވަޒީރުކަމުގެ މަގާމުގައި ހުންނެވި ޝާހުޒައިން ދާދިފަހުންވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ބަލޫޗް ޕާޓީ އާ ނުލައިވެސް އިތުބާރުގެ ވޯޓު އިމްރާންޚާން އަށް ކާމިޔާބު ކުރެވިދާނެއެވެ. ނަމަވެސް އޭނާގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީއަކުން މިގޮތަށް އަމަލުކޮށްފިނަމަ އިމްރާންޚާން އަށް އިތުބާރުގެ ވޯޓުން ސަލާމަތްވެ ވަޑައިނުގެންނެވޭނެއެވެ.
އިމްރާންޚާންގެ ޕާޓީ "ޕީޓީއައި" ގެ ބައެއް އެކްޓިވިސްޓުން ބުނާގޮތުން އިމްރާންޚާން އަށް ކުރިމަތިވެފައިވަނީ އިދިކޮޅު ކޮރަޕްޓް ލީޑަރުންގެ ފިއްތުންތަކާ އަދި އެމެރިކާގެ ފިއްތުންތަކެވެ.
އިމްރާންޚާން އަށް އެމެރިކާގެ ފިއްތުންތައް ކުރިމަތިވެވަޑައިގަންނަވަނީ ޗައިނާއާ ގުޅިގެން ޕާކިސްތާން އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އިމްރާންކާން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުންނާ އަދި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ފާރަލައި ޖާސޫސު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އެދުނު އެދުންތަކަށް އިމްރާންޚާން ގެ ސަރުކާރުން ދެކޮޅު ހަދާފައިވާތީ ކަމަށް "ޕީޓީއައި"ގެ އެކްޓިވިސްޓުން ބުނެއެވެ.
އަދި އިމްރާން ޚާންގެ ސަރުކާރަކީ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކަށް ބޯ ނުލަނބާ އަދި ޕާކިސްތާނުގެ އަމިއްލަ މަސްލަހަތަށް ރިއާޔަތްކުރާ މިނިވަން މުސްތަގިއްލު ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
އިމްރާންޚާންވަނީ އަސްކަރީ އަދި ޖާސޫސީ އެއްވެސް ބޭނުމަކަށް ޕާކިސްތާނުގެ ބިމާއި ވަޔާ އަދި ކަނޑުގެ ސަރަހައްދު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް ވިދާޅުވެފައެވެ. އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ފާރަލުމަށްޓަކައި ޕާކިސްތާނުގެ ވައިގެ ބައެއް ބޭސްތަކާއި ވައިގެ ސަރަހައްދުގެ ބޭނުންހިފުމަށް އެދި އެމެރިކާއިން ހުށަހަޅި ކަމަށާއި މިކަމާ ދެކޮޅު ހައްދަވާފައިވާނެކަން އިމްރާންޚާން މިދިއަހަރުގެ ފަހުކޮޅު ވިދާޅުވެފައިވެއެވެ.
ޕާކިސްތާނުގައި ސިޔާސީ ކޯޅުންތައް ބޮޑުކަމުން އެގައުމުގެ އެއްވެސް ބޮޑު ވަޒީރަކަށް މިފަހަކަށް އައިސް އެއްދައުރުވެސް ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
ޕާކިސްތާނުގެ އިދިކޮޅު މައި ދެޕާޓީކަމަށްވާ "ޕާކިސްތާން މުސްލިމް ލީގް ނަވާޒް" (ޕީއެމްއެލް-އެން) އާއި "ޕާކިސްތާން ޕީޕަލްސް ޕާޓީ" (ޕީޕީޕީ) އަކީ ކޮރަޕްޝަންގެ މައްސަލަ ވަރަށް ބޮޑު ދެޕާޓީއެވެ. ނަމަވެސް އިމްރާންޚާންގެ ޕާޓީ ކަމަށްވާ "ތަހްރީކީ އިންސާފު ޕާޓީ" (ޕީޓީއައި) ގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ނުކުރެވެއެވެ.
އިމްރާންޚާން ގެ ޕާޓީއަކީ މިދެޕާޓީއަށްވުރެ ހަގު އަދި ނިސްބަތުން ކުޑަ ޕާޓީއެއް ނަމަވެސް 2018 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބު އެޕާޓީން ކާމިޔާބުކުރުމުގެ ފަހަތުގައިވަނީ އެޕާޓީގެ ނަޒާހަތްތެރިކަމާއި އަނެއް ބޮޑު ދެޕާޓީގެ ކޮރަޕްޝަން ކަމަށް ޕާކިސްތާނުގެ ގިނަ ބަޔަކު ދެކެއެވެ. އިމްރާންޚާންގެ ސަރުކާރު ވައްޓާލުމަށް މިދެޕާޓީ ގުޅިގެން މަސައްކަތްކުރަނީ ކޮރަޕްޝަން ހިންގަން ފުރުސަތު ހޯދުމަށްކަމަށް އިމްރާންޚާންގެ ޕާޓީން ތުހުމަތު ކުރެއެވެ.
އަނެއްކޮޅުން އިމްރާންޚާން އަށް އަމާންކަމާއި އޮމާންކަމާއެކު ބޮޑުވަޒީރުކަމުގައި މިހާތަނަށް ހުންނެވުނީ ޕާކިސްތާނުގެ ބާރާއި ނުފޫޒުގަދަ އަސްކަރިއްޔާގެ ބާރުގައި ކަމަށް އިދިކޮޅު "ޕީއެމްއެލް-އެން" އާއި "ޕީޕީޕީ" ތުހުމަތު ކުރެއެވެ. އެދެޕާޓީގެ ސަޕޯޓަރުން ދެކޭގޮތުގައި ސިފައިންގެ ތާއީދު މިހާރުވަނީ އިމްރާންޚާންގެ ސަރުކާރަށް ވަރަށް ބޮޑަށް ކުޑަވެފައެވެ. ނަމަވެސް މިއީ ހަގީގަތެއްކަން ނުވަތަ ނޫންކަން ސާފެއްނޫނެވެ.
ޔުކްރޭން ހަނގުރާމައިގާ ޕާކިސްތާން ވަކިކޮޅަކަށް ނުޖެހުމުން އެމެރިކާއާއި ޔޫރަޕްގެ ނުރުހުން ޕާކިސްތާނަށް ވަނީ އަމާޒުވެފައެވެ. މިކަމުގެ ރައްދުގައި އިމްރާންޚާންވަނީ ޕާކިސްތާނަކީ ހުޅަނގުގެ ގައުމުތަކުގެ އަޅެއް ނޫންކަމަށް ވިދާޅުވެ ހުޅަނގަށް ރައްދު ދެއްވާފައެވެ.