02 Apr 2022, 00:05
ކޮންމެ އަހަރެއްގެ ރަމަޟާން މަހު "ސަން"އިން ތަފާތު ލިޔުންތައް ކިޔުންތެރިންނަށް ގެނެސްދެއެވެ. އެގޮތުން އެންމެ ޚާއްޞަ އެއް ސެގްމެންޓަކީ "ސަން ބަދިގެ"އެވެ.
މިފަހަރުގެ ސަން ބަދިގެ ތަފާތުވާ ސަބަބަކީ، މިއީ ރަހަ ތަފާތު ކޮށްލައި އުތުރުގެ އަތޮޅުތަކުގެ ރަހަތައް ގެނެސްދޭ ފުރަތަމަ އަހަރު ކަމުގައި ވާތީއެވެ.
މި އަހަރުގެ ސަން ބަދިގެ ޝޫޓް ކޮށްފައި ވަނީ ށ. ފުނަދޫގައެވެ. ފުނަދޫގެ ހީވާގި އަންހެނުން، އެ ރަށުގެ ރަހައާއެކު، ރަހަމީރު ރެސިޕީތަކެއް ވަނީ ތައްރާޔުކޮށްދީފައެވެ.
ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާއެކު ތައްޔާރު ކޮށްފައިވާ ޑިޝްތައް ގެނެސްދޭ "ސަން ބަދިގެ" ސެގްމެންޓު ސްޕޮންސާ ކޮށްފައި ވަނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ވަނީ މި ސެގްމެންޓުގެ ރެސިޕީތަކަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދީފައެވެ.
މި ސެގްމެންޓުގައި، ކޮންމެ ދުވަހަކު ޑިޝްއެއް ތައްޔާރު ކުރާނެ ގޮތް، ވީޑިއޯއާއެކު ގެނެސްދޭނެއެވެ. އޭގެ ތެރެއިން ކޮންމެ ކެއުމަކީ ވެސް ފަސޭހައިން ތައްޔާރުކޮށްލެވޭ، ރަހަމީރު އަދި ރޯދަމަހު ކާލަން ވަރަށް ރަނގަޅު ޑިޝްއަކަށްވާނެއެވެ.
ފުނަދޫގެ ހީވާގި އަންހެނުން ތައްޔާރުކޮށްދިން ހުރިހާ ޑިޝްއެއްވެސް، ސަންގެ ހަތަރު މީހުން ހިމެނޭ ޓީމުން ވަނީ ރަހަބަލާފައެވެ. އެއްޗަަކަށް ދޫކުރާނެ އެއްޗެއް ނެތެވެ. ކޮންމެ ޑިޝްއެއްވެސް އެހާ ރަހަމީރެވެ.
މިފަހަރު ސަން ބަދިގެއާއެކު ށ. އަތޮޅުގެ ރަހަތަކުގެ އަޖުމަ ބަލައިލަމާ ހިނގާށެވެ.