ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިފަހުން ވީ ދެ ހަފްތާއެއް ދުވަހުގެ ތެރޭގައި ދެ ހާހަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑާ ގުޅިގެން އިއުލާން ކުރަމުން އައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހު އާންމުކުރަމުން އައި ކޮވިޑް ތަފާސް ހިސާބުތައް އާންމުކޮށްފައެއް ނުވެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ކޮވިޑް ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 2342 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެއިން ޕޮޒިޓިވްވި 184 މީހުންނާއި އަތޮޅުތެރެއިން ބަލި ޖެހުނު 1938 މީހުންނެވެ.

މި މުއްދަތުގައި ކޮވިޑް ބަލި ޖެހިގެން މަރުވެފައިވަނީ އެންމެ މީހެކެވެ. އެއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 298 އަށް އަރައިފައެވެ.

މި މުއްދަތުގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހު 215 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޕޮޒިޓިވިޓީ ރޭޓު ހުރީ 11 އިންސައްތައިގައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު، ކޮވިޑާ ގުޅިގެން އަމަލުކުރަމުން އައި ގިނަ ފިޔަވަޅުތަކެއް ވަނީ އުވައިލައިފައެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތުމާއި ދަތުރުކުރުމުގައި ޕީސީއާރު ޓެސްޓު ހެދުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.