އިންތިހާބަކަށް ކުރިމަތިލި މީހުންގެ ނަންތައް ތަރުތީބުކޮށް، އިއުލާން ކުރުމަށްފަހު، ނަން އަނބުރާ ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ފުއާދު ވިދާޅުވީ އިންތިހާބަކަށް ކުރިމަތިލި މީހުންގެ ނަންތައް ތަރުތީބުކޮށް، އިއުލާން ކުރުމަށްފަހު، އަނބުރާ ނަން ނުގެންދެވޭނެ ކަމަށް އާންމު އިންތިހާބުތަކުގެ ގާނޫނުގެ 23 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އެ މާއްދާގައި ބުނަނީ އިންތިހާބަކަށް ކުރިމަތިލާން އެދި އިލެކްޝަންސް ކޮމިޝަނަށް ނަން ހުށަހަޅާފައިވާ މީހެއްގެ ނަން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތަކާއެކު ތަރުތީބުކޮށް، އެ ނަންތައް އިއުލާން ކުރުމުގެ ކުރިން ކޮންމެ ވަގުތަކު ވެސް އެމީހެއްގެ ނަން އެ އިންތިހާބަކުން އަނބުރާ ގެންދިއުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ.

ފުއާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންނަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، އިއުލާންކޮށްފައި ވަނިކޮށް ވެސް، އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރި އަބްދުއް ރަޝީދު އަބްދުﷲ ނަން އަނބުރާ ގެންދިއުމަށް އެދުނު ކަމަށެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ދެން އެ ނަމެއް އަނބުރާ ނުގެންދެވޭނެ ކަމަށެވެ.

އަބްދުއް ރަޝީދުގެ ނަން އަނބުރާ ނުގެންދެވުނުއިރު، ކާށިދޫ ދާއިރާގެ ބައި އިލެކްޝަންނަށް ޕީޕީއެމުން ވާދަކުރާ ކެނޑިޑޭޓް އަދި ރައީސް މައުމޫންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ގެ ނަން އަނބުރާ ނެގުމަށް ޕީޕީއެމްގެ ލީޑަޝިޕުން ބާރު އަޅަމުންދާ ކަމަށް އެ ޕާޓީގެ ސްޕޯކްސް ޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ލޯޔަރު ވައްޑޭގެ ނަން އަނބުރާ ގެންދިއުމަށް ޕީޕީއެމްގެ ލީޑަޝިޕުން ބާރު އަޅަމުންދާއިރު، ވައްޑޭ އެކަމާ އިންކާރު ކުރައްވާ ކަމަށް ވެ އެވެ. ވައްޑޭ ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ވައްޑެއަށް ޕީޕީއެމުން ކެންޕެއިން ނުކޮށް، ޖުމްހޫރީ ޕާޓީގެ ފަރާތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރުއަށް ޕީޕީއެމްގެ ލީޑާޝިޕްގެ އިސްބޭފުޅުން ކެންޕެއިން ކޮށްދެއްވާ ކަމަށް ބުނެ ޕީޕީއެމްގެ ކައުންސިލް މެންބަރު ޑރ. މުހައްމަދު ސައުދު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.