ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އިއްޔެ އައްޑޫއިން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މުއްދަތު ޖަހަން ބާކީ ތިބި ތިން މީހުން އަދި ކޯޓަށް ނުގެންދެވޭ ކަމަށެވެ.

މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައި ނުވެއެވެ.

އެ މައްސަލަ ފެންމަތިވި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.އެސް ޖަޔަޝަންކަރުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ވެރިން ތިއްބެވީ އައްޑޫގައެވެ.

ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ފުވައްމުލަކާއި އައްޑުއަށް ފުރާވަޑައިގަތީ މިދިޔަ ހުކުރު ދުވަހުގައެވެ. އަދި އިއްޔެ ރައީސް ވަނީ، އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދިޔަ ގިނަ މަޝްރޫއުތަކެއް އިފްތިތާހު ކުރައްވާފައެވެ.