28 Mar 2022, 11:47
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 59 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަން (ގއ، ގދ. ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ)ގައި ހިމެނޭ ރަށެއްގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އުމުރުން 59 އަހަރުގެ އަންހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިދިޔަ ހުކުރު ދުވަހު ކޯޓުން ވަނީ ނިންމައިފައެވެ.
މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައިވާގޮތުން އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުވެއްޖެނަމަ އެ މީހަކު 15 އަހަރާއި 18 އަހަރާ ދެމެދު މުއްދަކަށް ޖަަލަށްލެވޭނެއެވެ.