28 Mar 2022, 11:39
ކިޔޭވް (28 މާޗް 2022): ނޭޓޯގައި ބައިވެރިނުވާ އަދި އަސްކަރީ ގޮތުން އެއްވެސް ގައުމަކާ ގުޅުން ނުބާއްވާ ނިއުޓްރަލް ގައުމެއްގެ ގޮތުގައި ޔުކްރޭން ހެދުމާމެދު ވިސްނަމުން ގެންދާކަމަށާއި ރަޝިއާގެ އެނޫން ޑިމާންޑްތަކަށްވެސް ޞުލްޙައިގެ ވާހަކަތަކުގެ ތެރެއިން އިޖާބަ ދެވިދާނެކަމުގެ އިޝާރާތެއް ޔުކްރޭންގެ ރައީސް ވްލަޑިމީރް ޒެލެންސްކީ ފުރަތަމަ ފަހަރަށް ދެއްވައިފިއެވެ.
ރަޝިއާގެ މިނިވަން ނޫސްވެރިންގެ ބަޔަކަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވީ ޔުކްރޭނަށް ކުރިމަތިވެފައިވާ ބޮޑެތި ބާރުތަކުގެ ޖިއޮޕޮލިޓިކަލް ފިއްތުންތަކާއެކު ނިއުޓްރަލް ގައުމެއްގެ ގޮތުގައި ނޫނީ ދެން ޔުކްރޭނަށް ނޯވެވޭނެކަން މިހާރު ގަބޫލުކުރަންޖެހޭ ކަމަށާއި އެކަމާމެދު ގޮތެއް ނިންމަންޖެހޭ ކަމުގައެވެ.
ރަޝިއާއާއެކު ދެކެވޭ ޞުލްޙައިގެ ވާހަކަތަކުގައި މިވާހަކަތައް އުސޫލެއްގެ ގޮތުން ރަޝިއާގެ ވަފްދަށް ހާމަކޮށްފައިވާނެ ކަމަށްވެސް ފުރަތަމަ ފަހަރަށް ޒެލެންސްކީ ވިދާޅުވިއެވެ.
ރަޝިއާގެ މިނިވަން ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމުގައި ޒެލެންސްކީ ވަނީ ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީވެސް އަސްކަރީ ގޮތުން އެއްވެސް ގައުމަކާ ގުޅުންތައް ނުބާއްވާ ނިއުޓްރަލް ގައުމެއްގެ ގޮތުގައި އޮތުމަށް ޔުކްރޭނަށް މަޖްބޫރު ކުރުވުމުގެ މަގްސަދުގައިކަމާއި މިކަމާމެދު ގޮތެއް ނިންމަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ބަސްދީގަތުމުގައި ޒެލެންސްކީ ވަނީ ނިއުޓްރަލް ގައުމެއްގެ ގޮތުގައި ޔުކްރޭން އޮތުމަށް ބޭނުންވާ އެރޭންޖްމަންޓްތަކަށް އެއްބަސްވުމަށާއި އެކަމާގުޅިގެން ޔުކްރޭނަށް ލިބެންޖެހޭ ސަލާމަތީ ގެރެންޓީ ލިބޭނެ ގޮތްތަކާއި އޭގެ ބާވަތާއި ގެރެންޓީދޭނެ ގައުމުތަކެއް ކަނޑައެޅުންފަދަ ކަންކަމާބެހޭގޮތުން ޔުކްރޭނާއި ރަޝިއާގެ ސުލްހައިގެ ވާހަކަތަކުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމިދާނެކަމަށްވެސް ވިދާޅުވެފައެވެ.
މީގެއިތުރުން ޔުކްރޭންގެ މުސްތަގްބަލަށްޓަކައި ބިނާކުރަނިވި އަދި ދެމެހެއްޓެނިވި ސުލްހައިގެ އެއްބަސްވުމެއް ރަޝިއާއާއެކު ގާއިމްކުރަން ޖެހޭކަންވެސް މި ބަސްދީގަތުމުގައި ޒެލެންސްކީ ހާމަކުރެއްވިއެވެ. ނަމަވެސް ރަޝިއާއާއެކު ގާއިމްކުރާ މިފަދަ ސްޓްރެޓީޖިކް އެއްބަސްވުމެއް ތަސްދީގު ކުރެވޭނީ ޔުކްރޭން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންގެ އަޣްލަބިއްޔަތުން މިއެއްބަސްވުމަށް ރުހުން ލިބިގެންކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
މި ބަސްދީގަތުމުގައި ޒެލެންސްކީވަނީ ޔުކްރޭންގެ ދޮންބާސް ސަރަހައްދާއި ކްރައިމިއާގެ މިލްކުވެރިކަމުގެ މައްސަލަވެސް ރަޝިއާއާއެކު ދެކެވޭ ސުލްހައިގެ ވާހަކަތަކުގެ ތެރެއިން ހައްލު ކުރެވިދާނެކަމަށް ފުރަތަމަ ފަހަރަށް ވިދާޅުވެފައެވެ. މިއީވެސް ރަޝިއާގެ ޑިމާންޑެކެވެ.
ރަޝިއާއިން ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާ މައިގަނޑު ޝަރުތަކީ ނޭޓޯގައި ބައިވެރިނުވާ އަދި އަސްކަރީ ގޮތުން އެއްވެސް ގައުމަކާ ގުޅުންތައް ނުބާއްވާ ނިއުޓްރަލް ގައުމެއްގެ ގޮތުގައި ޔުކްރޭން އޮތުމަށް އެގައުމުގެ ސަރުކާރުން އެއްބަސްވެ މިކަން ޔުކްރޭންގެ ގާނޫނު އަސާސީގައިވެސް ހިމެނުމެވެ.
ދެވަނަ ކަމަކީ ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި އޮތް ކްރައިމިއާ ސަރަހައްދާއި ދޮންބާސް ސަރަހައްދުގެ މިލްކުވެރިކަން ދޫކޮށްލުމެވެ. މިދެ ސަރަހައްދަކީ ޔުކްރޭންގެ ރަޝިއާ ދަރިކޮޅުގެ މީހުންގެ ވަރަށް ބޮޑު އަޣްލަބިއްޔަތު އޮންނަ ދެ ސަރަހައްދެވެ.
މީގެތެރެއިން ކްރައިމިއާގެ ލޯކަލް ސަރުކާރުން ވަނީ 2014 ވަނަ އަހަރު އަމިއްލައަށް މިނިވަންކަން އިޢުލާންކުރުމަށްފަހު ރަޝިއާގެ ބެލުމުގެ ދަށުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ރަޝިއާގެ ބައެއްގެ ގޮތުގައި ހަދާފައެވެ.
ދޮންބާސް ސަރަހައްދުގައި ދެ ޕްރޮވިންސެއް އޮވެއެވެ. އެއީ ލޮޣާންސް އާއި ދޮނިޔެސްކްއެވެ. ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތްކުރާ މިދެ ޕްރޮވިންސްވަނީ ރަޝިއާ ޔުކްރޭނަށް އަރައިގަތުމުގެ ދެ ދުވަސްކުރިން މިނިވަން ދެ ޖުމްހޫރިއްޔަތުގެ ގޮތުގައި ދެ ދައުލަތް އިއުލާންކޮށްފައެވެ. ރަޝިއާ ވަނީ މިނިވަންކަން އިޢުލާންކުރުމާއެކު މިދެ ދައުލަތް ރަސްމީކޮށް ގަބޫލުކޮށްފައެވެ.
މީގެ ތެރެއިން ލޮޣާންސް ޕްރޮވިންސްގެ ލޯކަލް ސަރުކާރުން މިހާރު ގެންދަނީ ރަޝިއާގެ އެހީތެރިކަމާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ކްރައިމިއާ ގޮތަށް ރަޝިއާގެ އިއްތިހާދުގެ ބައެއްގެ ގޮތުގައި އެ ސަރަހައްދު ހެދުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށެވެ. އެސަރަހައްދުގެ ރައްޔިތުންގެވެސް ބޮޑު އަޣްލަބިއްޔަތަކީ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ.
ރަޝިއާގެ މިނިވަން ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމުގައި ޔުކްރޭންގެ ރައީސް ޒެލެންސްކީ ދެއްކެވި މިވާހަކަފުޅަކީ ރަޝިއާގެ ކުރިމަތީގައި ހަނގުރާމަ ކާމިޔާބު ނުކުރެވޭނެކަމާއި ރަޝިއާގެ ޑިމާންޑްތަކަށް ބޯލެނބުން ނޫންގޮތެއް ޔުކްރޭނަށް ނޯންނާނެކަން އޭނާއަށް ވިސްނި ވަޑައިގެން ދެއްކެވި ވާހަކަތަކެއްކަމަށް ރަޝިއާގެ މީޑިއާއިންވަނީ ސިފަކޮށްފައެވެ.
ޒެލެންސްކީގެ ބަސްދީގަތުމުގައި މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ޔުކްރޭން ސަރުކާރުން ރަސްމީ ސިފައެއްގައި އަދި މިކަން އިއުލާން ކޮށްފައެއް ނުވެއެވެ.