28 Mar 2022, 11:02
ފުލުހުންގެ ބަންދުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު އުޅުއްވި ހާލު އަޑު އައްސަވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހިތްފަޅައިގެން ހިނގައްޖެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު ސައީދު ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިންނެވެ. އެއްވުމުގެ ތެރެއިން ހައްޔަރުކުރުމަށްފަހު، ޝަރުތުތަކަކާއެކު ސައީދު ދޫކޮށްލީ 24 ގަޑިއިރު ފަހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ސައީދު ޖަލުތަކުގެ ހާލު ދެރަކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުން ބައިތިއްބައިފައިތިބި ގޮޅީގެ ފާހަނައިގައި ވެސް ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ.
"އިމްރާން [ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ]، [ޖަލުތަކަށް] ގެނައި އިސްލާހު، ފާހަނާތެރޭގައި މީހުންގެ އޮރިޔާން ބަލަންތޯ ކެމެރާ ހަރުކޮށްފައި މިހުރީ، މިއީތޯ އެމްޑީޕީގެ އެޖެންޑާ19 ތަފާތުވާ ގޮތަކީ، ކޮން ހިއުމަން ރައިޓްސްއެއްތޯ މިއީ،" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކޮށްފައިތިބީ "ބަކަރި ކޮއްޓެއް" ކަހަލަ ތަނެއްގައި ކަމަށާއި އެ ތަނުގައި އަށް ގަޑިއިރު ވަންދެން އިންނަން ޖެހުނީ ޕްލާސްޓިކް ގޮނޑިއެއްގައި ކަމަށެވެ.
ސައީދުގެ ވާހަކަ ނިމުމުން، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ސައީދު އުޅުއްވި ހާލު އައްސަވައި އެ މަނިކުފާނުގެ ހިތް ފަޅައިގެން ހިނގައްޖެ ކަމަށެވެ.
"އިއްޒަތްތެރި މެންބަރަށް ތި ދިމާވި އަނިޔާވެރި ގޮތުގެ ސަބަބުން އަޅުގަނޑުގެ ވެސް ހަމަ ހިތް ފަޅައިގެން ދޭ، ތި ވިދާޅުވީ 24 ގަޑިއިރު ގޮޅީގައި އިންނަވަން ޖެހިވަޑައިގަތުމާ، އަދި ގޮނޑިއެއްގައި ބައިންދައިފައި އިންނެވުމާ. އަޅުގަނޑު ވެސް ހަމަ ހިތް ފަޅައިގެން ދޭ ތި ކަންކަމާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖަލުތަކުގައި ހާލު ދެރަކަން ފާހަގަކޮށް، މުޒަހަރާތެރެއިން ހައްޔަރު ކުރި މީހުންނާމެދު ކަން ކުރަނީ އިހާނެތި ކޮށް ކަމަށް ބުނެ، ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމު މިއަދު ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅައިފައިވެއެވެ. އެހެންނަމަވެސް މި މައްސަލަ މަޖިލީހަށް ބަލައިގެންފައެއް ނުވެއެވެ.