28 Mar 2022, 11:12
ސައުދީ ސަރުކާރުގެ އެހީގައި ގާއިމުކުރި ސަލްމާން މިސްކިތުގައި އަންނަ ހުކުރު ދުވަހު ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މިސްކިތް އަދި ރަސްމީކޮށް ހުޅުވެން ނެތް ކަމުގަައި ވިޔަސް، އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން އެ މިސްކިތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ.
މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް އަންނަ ބުރާސްފަތި ދުވަހުގެ ޢަޞްރު ނަމާދަށް ހުޅުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި، މިހާރު އެ ސަރަހައްދުގައި ހުރި ވަގުތީ މިސްކިތް އިތުރަށް ހިޔާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރޯދަޔަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ބައެއް މަސައްކަތްތައް ރޯދަމަހަށް ނުނިމުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ސަލްމާން މިސްކިތް ހުޅުވަން ނިންމީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އެ ތާރީޚުގައި މިސްކިތް ނުހުޅުވަން މިނިސްޓްރީން ނިންމިއެވެ.
މިދިޔަ އަހަރުގެ ރޯދަމަހު އެ މިސްކިތް ހުޅުވުމަށް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް ވަސީލަތްތައް ގާއިމް ނުކުރެވޭތީ މިސްކިތް ނުހުޅުވުނެވެ.
ކިންގް ސަލްމާން މިސްކިތް އެޅުމަށް ޚަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީން ވަނީ 14.5 މިލިއަން ޑޮލަރުގެ ހިލޭ އެހީދީފައެވެ. އަދި ބާކީ ބައި ޚަރަދުކުރީ ސަރުކާރުންނެވެ.
އެ މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4،000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމް ހުންނައިރު ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ.