ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިއަހަރުގެ ވޯލްޑް ގަވާންމަންޓް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ވަޑައިގެންފިއެވެ.

މިއަހަރުގެ ވޯލްޑް ގަވާންމަންޓް ސަމިޓްގައި، ކޮވިޑް ބަލިމަޑުކަމަށް ފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެ ގޮތް ވަޒަންކޮށް ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަގުބަލް ތަސައްވުރު ކުރާނެއެވެ.

އެކި ގައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބު އުސް މީހުންނާއި ކަންކަމުގައި ގޮތް ނިންމާ އިސް ވެރިން މި ސަމިޓްގައި ބައިވެރިވެވަޑައިގެން ޚިޔާލުބަދަލުކުރައްވައި، ތަރައްގީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ.

‎މި ދަތުރުފުޅުގައި ނައިބު ރައީސް ޔޫއޭއީގެ ބައެއް އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ.

‎އެމަނިކުފާނުގެ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ.