17 Mar 2012, 15:50
ރާއްޖޭގެ ދީނީ ހާލަތު ދެނެގަތުމަށްޓަކައި ރާއްޖެ އައިސް އުޅޭ ތުރުކީގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ފެޑެރޭޝަން އޮފް މައުރިފާ އެސޯސިއޭޝަންސް ގެ ވަފުދު އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް) ގެ މެންބަރުންނާއި މިއަދު ބައްދަލުކޮށްފި އެވެ.
އައިއެފްއެމްއިން ބުނީ ރާއްޖޭގެ މިހާރުގެ ހާލަތާއި ދީނީ ހާލަތު ބެލުމަށް މިމަހުގެ 15 ވަނަ ދުވަހު ރާއްޖެ އައި ވަފުދަކީ ތުރުކީގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް މަހުމޫދު އަފަންދީ ފޮނުވި ވަފުދެއްކަމަށާއި އެވަފުދުގައި ތުރުކީގައި ފާހަގަކޮށްލެވޭ މަޝްހޫރު ހަ އިލްމުވެރިއަކާއި ހަ ވިޔަފާރިވެރިއަކު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެވަފުދު ރާއްޖޭގައި ހޭދަކުރާ 10 ދުވަހުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްރަށާއި އިސްލާމިކް މިނިސްޓަރު އައްޝައިހް މުހައްމަދު ސަހީމް އަލީ ސައީދާ ވެސް ބައްދަލުކުރާނެ އެވެ.
އައިއެފްއެމްގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި އައިއެފްއެމްގެ ރައީސް އިބްރާހިމް ފައުޒީ އާއި އެ ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އަބޫބަކުރު އިބްރާހިމާއި ނައިބް ރައީސް އައްޝައިހް އިބްރާހިމް ފަރީދު އަހުމަދުގެ އިތުރުން ޖަމިއްޔާގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެން މައުލޫމާތު ހިއްސާކުރައްވެވި އެވެ.
ފެޑެރޭޝަން އޮފް މައުރިފާ އެސޯސިއޭޝަންސް އަކީ ތުރުކީގައި އޮންނަ ދީނީ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އިލްމުވެރިންނާއި ވިޔަފާރިވެރިން ހިމެނޭ އެއް ޖަމިއްޔާ އެވެ. އެޖަމިއްޔާގައި މިލިއަނެއްހާ މެންބަރުން ރަޖިސްޓަރީވެފައިވެ އެވެ.