28 Mar 2022, 10:17
ދިރާގަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދިން މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑުދީފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ދިރާގުން ބޭއްވި އަހަރީ އެވޯޑު ނައިޓުގައި، އެ ކުންފުންޏަށް ޚިދުމަތްކޮށް ދޭތާ 10 އަހަރު، 15 އަހަރު އަދި 25 އަހަރުވީ 102 މުވައްޒަފެއްގެ އަގުވަޒަންކޮށް އެމީހުންނަށް ވަނީ ޚާއްޞަ އެވޯޑުދީފައެވެ.
މީގެއިތުރުން ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ މުވައްޒަފުންނަށް ވެސް އެވޯޑުދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ޑިވިޝަނަލް މެރިޓް އެވޯޑް، 12 ސްޕެޝަލް މެރިޓް އެވޯޑް، ތިން އިނޮވޭޝަން އެވޯޑް އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑެވެ.
އެވޯޑްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި ޗެއާމަންސް އެވޯޑު މިއަހަރު ހާސިލްކުރީ އިންޖިނިއަރު، ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އާކިޓެކްޗާގެ މަގާމުގައި ހުންނެވި އިބްރާހިމް ޔާސިރެވެ.
އެ އެވޯޑު ޔާސިރަށް ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދެވެ.