28 Mar 2022, 09:49
އެމެރިކާގެ "ގައުމީ ސަލާމަތަށް ބަލައިނުގަނެވޭ ފަދަ ނުރައްކަލެއް" ކުރިމަތިކުރުވާ އިދާރާތަކުގެ ލިސްޓަށް ރަޝިއާގެ ސައިބާސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ކެސްޕާސްކީ ލެބް އިތުރުކޮށްފިއެވެ.
ޗައިނާގެ ވާވޭ އާއި ޒެޑްޓީއީ ހިމެނޭ އެ ލިސްޓަށް ރަޝިއާގެ ކުންފުންޏެއްގެ ނަން އިތުރުކޮށްފައި މިވަނީ ފުރަތަމަ ފަހަރަށެވެ.
އެ ލިސްޓަށް ކެސްޕާސްކީގެ ނަން އިތުރުކުރުމުން، އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ)ގެ ސަބްސިޑީތައް މެދުވެރިކޮށް އެގައުމުގެ ކުންފުނިތަކުން ކެސްޕާސްކީއާ ވިޔަފާރީގެ މުއާމަލާތްތައް ހިންގުން މަނާވާނެއެވެ.
ކެސްޕާސްކީގެ އިތުރުން އެމެރިކާއިން ވަނީ ދާދި ފަހުން އެ ލިސްޓަށް ޗައިނާ ޓެލެކޮމް ކުންފުންޏާއި އެމެރިކާގައި ހުންނަ ޗައިނާ މޯބައިލް އިންޓަނޭޝަނަލް ކުންފުނި ވެސް އިތުރުކޮށްފައެވެ.
ކެސްޕާސްކީގެ އެންޓިވައިރަސް ސޮފްޓްވެއާ ބޭނުންކޮށްގެން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އިދާރާގެ ސިއްރު ލިޔެކިޔުންތަކެއް ވަގަށް ނަގާފައިވާކަމުގެ ތުހުމަތުތަކެއް 2017 ވަނަ އަހަރު ފެންމަތިވިއެވެ. ނަމަވެސް ރަޝިއާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އެ ތުހުމަތުތައް ފެންމަތިވި ފަހުން، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެސްޕާސްކީއަކީ ރަޝިއާ ސަރުކާރާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ސަރުކާރުގެ އިދާރާތަކުން ކެސްޕާސްކީގެ އުފެއްދުންތައް ބޭނުންކުރުން މަނާކުރައްވާފައެވެ.