28 Mar 2022, 00:13
ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނުން ސްރީލަންކާގެ ރަޓްމަލާނާއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.
ސްރީލަންކާގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓުގެ ގޮތުގައި ބޭނުންކުރި ރަޓްމަލާނާ އެއާޕޯޓް 55 އަހަރު ފަހުން ބައިނަލްއަޤްވާމީ ދަތުރުތަކަށް ބޭނުންކުރަން ފެށުމާއެކު މޯލްޑިވިއަނުން ވަނީ އެ އެއާޕޯޓަށް ދަތުރުތައް ފަށާފައެވެ.
އަލަށް ބައިނަލްއަޤްވާމީ ދަތުރުތަކަށް އެ އެއާޕޯޓް ބޭނުންކުރަން ފެށުމާއެކު އެ އެއާޕޯޓަށް ޖެއްސި ފުރަތަމަ ބައިނަލްއަޤްވާމީ ބޯޓަކަށް ވެފައިވަނީ މޯލްޑިވިއަންގެ ބޯޓެކެވެ.
މޯލްޑިވިއަނުން ރަޓްމަލާނާއަށް ހަފްތާއަކު ތިން ފްލައިޓް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުތައް އޮންނާނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގައިކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
ރަތުމަލާނާއަށް މޯލްޑިވިއަނުން ދަތުރުކުރަނީ އިކޮނޮމީ ޕްރޮމޯ ފެއާގައި ދެކޮޅު ޓިކެޓް 3،312 ރުފިޔާ އަށް އަދި އިކޮނޮމީ ފްލެކްސް ފެއާގައި ދެކޮޅު ޓިކެޓް 3،988 ރުފިޔާއަށެވެ.
މޯލްޑިވިއަނުން ސްރީލަންކާގެ އިތުރުން އެތައް ޤައުމަކަށް ދަނީ ދަތުރުކުރަމުންނެވެ. އެގޮތުން އަވައްޓެރި އިންޑިއާއާއި ބަންގްލަދޭޝް ހިމެނެއެވެ.
މޯލްޑިވިއަން އިން ވަނީ މީގެ ކުރިންވެސް ލަންކާއަށް ދަތުރުތައް ބާއްވައިފައެވެ. އެއީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށާއި އެ ގައުމުގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ނަމަވެސް ޕެސިންޖަރުން ނުލިބުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ނުވެ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ.