17 Mar 2012, 15:19
ޖުމްހޫރީ މައިދާން ސަރަހައްދުގައި އިއްޔެގެ ހުކުރު ނަމާދަށްފަހު، އެމްޑީޕީގެ ސަޕޯޓަރުންތަކެއް ހިންގި ހަމަނުޖެހުންތަކެއް ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގައި ހައްޔަރުކުރި އަށް މީހެއްގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް ކޯޓުން ޖަހައިދީފި އެވެ.
ޖުމްހޫރީ މައިދާނުގެ ސަރަހައްދުން ފުލުހުން އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތަށް އިތުރު ފަސް ދުވަސް ޖަހައިދީފަ އެވެ.
ފުލުހުން ބުނީ ޖުމްހޫރީ މައިދާން ކުރިމައްޗަށް އިއްޔެ އެއްވެ މުޒާހަރާކުރަމުން ދިޔަ މީހުން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި ނުވަ މީހަކު އެ ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން އަށް މީހެއްގެ ބަންދުގެ މުއްދަތު މިއަދު ކޯޓުން އިތުރުކޮށްދީފައިވާއިރު އެކަކު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
އިއްޔެ ހުކުރު ނަމާދަށްފަހު އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވަނީ ޖުމްހޫރީ މައިދާނުގެ ހެލިޕޭޑް ސަރަހައްދަށް އެއްވެ އެތަނުގައި އިށީދެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލާފަ އެވެ. ޖުމްހޫރީ މައިދާނުގެ މެދުގައި އިށީދެގެން ތިބި މީހުން އެސަރަހައްދުން ދުރަށް ދިއުމަށް ފުލުހުން ތަކުރާރުކޮށް އެންގުމުން ވެސް އެއްވެ ތިބި ބައެއް މީހުން އެސަރަހައްދު ދޫކޮށްދިޔަ ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޖުމްހޫރީ މައިދާން ސަރަހައްދަށް އިއްޔެ އެއްވާން މަސައްކަތްކުރި މީހުންގެ ތެރެއިން ބަޔަކު އިއްޔެ ވަނީ ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެއްސީ) ގެ ރައީސް އާދަމް މުހަންމަދު ހުކުރަށް ވަޑައިގެންނެވުމަށްފަހު ކާރުކޮޅުގައި އެނބުރި ގެއަށް ވަޑައިގެންނަވަނިކޮށް، ކާރުކޮޅާ ދިމާލަށް ގާ ބުރިއެއް އެއްލާ ބިއްލޫރިގަނޑު ތަޅާލަފަ އެވެ. އެވަގުތު ކާރުކޮޅުގެ ތެރޭގައި އާދަމް މުހަންމަދުގެ އިތުރުން ކުޑަކުއްޖަކު އިނެވެ.