ރާއްޖެއިން "އިންޑިއާ ފަރސްޓް' ޕޮލިސީ ނަގަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ސާލިހުގެ އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑޮކްޓަރު ސުބްރަމާނިއަން ޖަޔަޝަންކަރު ކުރެއްވި އިޙްތިރާމްގެ ޒިރާރުތުގައި ރައީސް ޞާލިޙް ވިދާޅުވީ އިންޑިއާ އާއެކު އޮތް ގާތް ގުޅުން ވަރުދަގަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިޙާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ އެ ބައްދަލުވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށް ދެޤައުމުންވެސް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ ފަތުރުވެރިކަމާއި، އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއާއި، ޞިއްޙީ ދާއިރާއާއި، ސަރަޙައްދީ ރައްކާތެރިކަން ޤާއިމްކުރުމާއި، ބައިނަލްއަޤްވާމީ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވައި އިންޑިއާއަށް ޝުކުރުދަންނަވާފައެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދެޤައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމުގެ މުހިންމު ރަމްޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރު ސުބްރަމާނިއަން ޖަޔަޝަންކަރު މިހާރު އައްޑޫ ސިޓިއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އައްޑޫގެ ޕޮލިސް އެކެޑަމީ ހުޅުއްވައިދެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އައްޑޫގެ މަގު ހެދުމުގެ ބޮޑު މަޝްރޫޢު ފައްޓަވައިދެއްވައި އެ ސިޓީގައި އަލަށް ތަރައްޤީކުރެވުނު ދެ ބަނދަރު ހުޅުއްވައިދެއްވުމުގައި ވެސް ބައިވެރިވެވަޑައިގަތެވެ.