28 Mar 2022, 08:19
ޓޮންސިލައިޓިސް ނުވަތަ ޓޮންސިލް ދުޅަވުމަކީ ބެކްޓީރިއާއާއި ވައިރަލް އިންފެކްޝަންގެ ސަބަބުން ޓޮންސިލް ދުޅަވުމަށް ކިޔާ ނަމެކެވެ.
އާންމު ގޮތެއްްގައި ޓޮންސިލައިޓިސް ޖެހުމުގެ ފުރުސަތު ބޮޑީ އުމުރުން ދެ އަހަރުން މަތީ ކުދިންނަށެވެ. އެގޮތުން އުމުރުން ފަސް އަހަރާއި ފަނަރަ އަހާރާ ދެމެދުގެ ކުޑަކުދިންނަށް މި ބަލި ޖެހޭ މިންވަރު އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ.
ޓޮންސިލައިޓިސްގެ ދެ ވައްތަރެއްވެއެވެ. އެއީ ވައިރަލް ޓޮންސިލައިޓިސްއާއި ބެކްޓީރިއަލް ޓޮންސިލައިޓިސްއެވެ. ޓޮންސިލައިޓިސްގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން 70 ޕަސެންޓު މީހުންނަށް ޖެހެނީ ވައިރަލް ޓޮންސިލައިޓިސްއެވެ. މި ބާވަތުގެ ޓޮންސިލައިޓިސް އަކީ ވައިރަސްގެ ސަބަބުން ޓޮންސިލް ދުޅަވާ ބާވަތެވެ. މި ބަލި ޖެހުމުގެ ފުރުސަތު އިންފުލުއެންޒާ ޖެހިފައިވާ މީހުންނަށް ބޮޑެވެ.
ދެވަނަ ބާވަތުގެ ޓޮންސިލައިޓިސްއަށް ދެވިފައިވާ ނަމަކީ ބެކްޓީރިއަލް ޓޮންސިލައިޓިސްއެވެ. މި ބަލި ޖެހެނީ ގްރޫޕް އޭ ބެކްޓީރިއާއެއް ކަމަށްވާ "ސްޓްރެޕްޓޮކޮކަސް"ގެ ސަބަބުންނެވެ. ބެކްޓީރިއަލް ޓޮންސިލައިޓިސްއަށް އާންމުގޮތެއްގައި ކިޔާ އުޅެނީ ސްޓްރެޕް ތްރޯޓެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކާއެއްޗެހި ދިރުވަން އުނދަގޫވުން، ކަންފަތުގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ގަދައަށް ހުންއައުންފަދަ ކަންކަން ހިމެނެއެވެ. ބަލީގެ އަލާމާތްތައް އާންމު ގޮތެއްގައި ދެދުވަހަށް ދެމިގެންދެއެވެ. ބަލީގެ ހާލަތު ގޯސްވާނަމަ ހަފުތާއަކަށްވެސް ހަށިގަނޑުން އަލާމާތްތައް ފެނެއެވެ.
ގިނަ އަދަދެއްގެ ޑޮކްޓަރުން ބުނާ ގޮތުގައި، ބެކްޓީރިއަލް ޓޮންސިލައިޓިސްގެ ފަރުވާއަކީ އެންޓިބައޮޓިކްސްއެވެ. ނަމަވެސް، އެންޓިބައޯޓިކްސްގެ ބަދަލުގައި ބައްޔަށް ލުޔެއް ހޯދުމަށްޓަކައި ކުރެވިދާނެކަންކަން ގިނައެވެ. އެގޮތުން، ކާތަކެތި ދިރުވަން އުނދަގޫވާނަމަ މަޑު އެއްޗެހި ކެއުމާއި ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ފިނި އެއްޗެހި ބުއިން ހުއްޓާލުމުންނާއި ދުންފަތުގެ އިސްތިއުމާލު ނުކުރުން އަދި ހޫނު ފެނުން ކަރުތެރެ ދޮވެލުން ފަދަ ކަންކަން ކުރުމުން މި ބައްޔައް ލުޔެއް ލިބެއެވެ.
ޓޮންސިލެކްޓޮމީއަކީ ކޮބާ؟
ޓޮންސިލެކްޓޮމީއަކީ ޓޮންސިލް ނެގުމަށް ކުރާ އޮޕަރޭޝަނަށް ކިޔާ ނަމެވެ.
މި އޮޕަރޭޝަން އާންމު ގޮތެއްގައި ހަދަނީ އެއްފަަހަރަށްވުރެ ގިނައިން ޓޮންސިލައިޓިސް ޖެހި އެންޓިބައޮޓިކްސް ބޭނުންކޮށްގެންވެސް ބަލި ރަނގަޅު ނުވެއްޖެނަމައެވެ.
ޓޮންސިލް މާ ބޮޑަށް ދުޅަވެ، ކާއެއްޗެހި ދިރުވަން އަދި ނޭވާލަން އުނދަގުވުމުގެ ސަބަބުން ޓޮންސިލެކްޓޮމީ ސާޖަރީ ހަދަންޖެހެއެވެ.
މި ސާޖަރީން ރަނގަޅުވުމަށް އާންމު ގޮތެއްގައި ދެ ހަފުތާނަގައެވެ.