ޖިންސީ ފުރައްސާރައިގެ މައްސަލައަކީ ވަރަށް އާދައިގެ މައްސަލައެއްކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފައިވާތީ ޑްރަގް ކޯޓުގެ ގާޒީ މުޙައްމަދު ސަމީރަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފިއެވެ.

ގާޒީ ސަމީރާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައަކީ ކުރިމިނަލް ކޯޓުގައި އޭނާ މަސައްކަތްކުރެއްވިއިރު އެ ކޯޓަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މުއްދަތު މަޖިލީހުގައި ދެއްކެވި ވާހަކަތަކެއްގެ މައްސަލައެއް ކަމަށް ޖޭއެސްސީއިން ބުންޏެވެ.

އެ މައްސަލައަކީ އާދައިގެ މައްސަލައެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވުމަށްފަހު އެ މައްސަލާގައި ތުހުމަތުވާ މީހާ ބަންދުގައި ބަހައްޓަން އޭނާ ވަނީ ހުކުމް ކޮށްފައެވެ.

ގާޒީ ސަމީރު އެގޮތަށް ނިންމެވީ އެމީހާ ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެވާހަކަ ލިޔެފާނެކަމުގެ ބިރަށްކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން ބުނެފައިވަނީ ގާޒީ ސަމީރުގެ އެ މައްސަލަ ޖޭއެސްސީގެ ތަހުގީގަށް ސާބިތުވެފައިވާކަމަށެވެ. މީގެ އިތުރުން ޖޭއެސްސީން ބުނެފައިވަނީ އޭނާގެ އެ އަމަލަކީ ގާޒީންގެ ސުލޫކުން ބޭރުން ކޮށްފައިވާކަމެއްކަމަށެވެ.

އެ މައްސަލަ ސާބިތުވުމާގުޅިގެން ގާޒީ ސަމީރަށް ވަނީ ޖޭއެސްސީން ނަސޭހަތްތެރިވެފައެވެ. އަދި އެ ޖޭއެސްސީން ކަނޑައަޅާ ތަމްރީނެއް ފުރިހަމަ ކުރުމަށް ވެސް އޭނާއަށް ވަނީ އަންގާފައެވެ.

ގާޒީ ސަމީރު ކްރިމިނަލް ކޯޓުން ބަދަލުކުރުމުގެ ކުރިން އޭނާ ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ބެންޗުގައި އިންނަވާފައެވެ. އަދި އެމައްސަލައާ ގުޅިގެން ރައީސް ޔާމީނަށް ހުކުމްކޮށްފައިވަނީ ނުފޫޒު ފޮރުވައިގެންކަމަށް ދޭހަވާ ގޮތަށް އޭނާ ދައްކާފައިވާ ވާހަކައިގެ އޯޑިއޯއެއް އެއިރު ވަނީ ލީކުވެފައެވެ. ނަމަވެސް ފުލުހުން ވަނީ އެއީ އޮޅުވާލައިގެން ހަދާފައިވާ އޯޑިއޯއެއްކަމަށް ބުނެފައެވެ.