އައްޑޫ ސިޓީ މަރަދޫ އާއި މަރަދޫފޭދޫގައި އަލަށް ތަރައްޤީކުރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އައްޑޫ ސިޓީ މަރަދޫ ބަނދަރާއި އެ ސިޓީގެ މަރަދޫފޭދޫގެ ބަނދަރު ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވާފައި ވަނީ މިއަަދު އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މަރަދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

އެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކޮށް ސޭންޑް-ފިލް ބްރޭކްވޯޓަރ ހެދުމާއި 340 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 276 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ވަނީ ހަރުކޮށްފައެވެ.

މީގެ އިތުރުން، މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 243 މީޓަރުގެ ދިގުމިނުގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 260 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ވަނީ ޚަރުކޮށްފައެވެ.

މި ދެ ބަނދަރު ހުޅުވައިދެއްވުމަށްފަހު މިހާރު ވަނީ މި ބަނދަރުތައް އައްޑޫ ސިޓީގެ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

އައްޑޫއަށް ކުރާ އެ ދަތުރުގައި އައްޑޫ ޕޮލިސް އެކެޑަމީ ރައީސް ވަނީ ރަސްމީކޮށް ހުޅުއްވާދެއްވާފައެވެ. އަދި އިންޑިއާއިން ގާއިމްކުރި ކޯސްޓަލް ސާވެއިލެންސް ރާޑަރު ސިސްޓަމް ވެސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. އަދި އައްޑޫ ސިޓީ ގެ މަގުހެދުމާއި ފެންހިންދުމުގެ ނިޒާމު ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ވެސް ވަނީ އެ ދަރުރުގައި ފައްޓަވައިދެއްވައިފައެވެ