އައްޑޫ ސިޓީ ގެ މަގުހެދުމާއި ފެންހިންދުމުގެ ނިޒާމު ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވައިފިއެވެ.

މިއަދު އައްޑޫ ސިޓީގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިއަން ޖަޔަޝަންކަރުގެ އިތުރުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ.

އިންޑިއާގެ އެފްކޯންސް އިންފްރަސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ އެ މަޝްރޫއަކީ އައްޑޫގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝަރޫއެެވެ. އެ މަޝްރޫޢު ޖުމްލަ އަގަކީ 1.197 ބިލިއަން ރުފިޔާއެވެ.

އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފެން ހިންދާ ނިޒާމު ޤާއިމުކުރާނެއެވެ.

އެ މަޝްރޫޢުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓާ ޑްރެއިނޭޖް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މަގުހެދުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި 40 ކިލޯމީޓަރުގެ މަގު ތާރު އަޅައިގެންނާއި ގައު އަޅައިގެން ތަރައްޤީކުރަން ވަނީ ހަމަޖެހިފައެވެ. އަދި 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓިބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

އައްޑޫގެ މަގުހެދުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑަ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ 4 ލޭނުގެ އައު ލިންކްރޯޑެއް ހެދުން ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

އައްޑޫއަށް ކުރާ އެ ދަތުރުގައި އައްޑޫ ޕޮލިސް އެކެޑަމީ ރައީސް ވަނީ ރަސްމީކޮށް ހުޅުއްވާދެއްވާފައެވެ. އަދި އިންޑިއާއިން ގާއިމްކުރި ކޯސްޓަލް ސާވެއިލެންސް ރާޑަރު ސިސްޓަމް ވެސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.