27 Mar 2022, 21:42
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ގާއިމްކުރި ކޯސްޓަލް ސާވެއިލެންސް ރާޑަރު ސިސްޓަމް މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
އައްޑޫގައި ހުންނަވައިގެން ވިލިމާލޭގައި ޤައިމުކުރެވިފައިވާ އެ ސިސްޓަމް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި ރޭ އިންޑިއާއިން ސީދާ އައްޑުއަށް ވަޑައިގެންނެވި އެޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖަޔަޝަންކަރެވެ.
އެ ރާޑަރު ސިސްޓަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާ އަދި މެރިޓައިމް ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުމުގައި ގާއިމްކުރި ރާޑަރު ސިސްޓަމެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑަރު ސިސްޓަމް ވަނީ ޤާއިމުކޮށްފައެވެ.
އެ ސަރަހައްދުތަކުގައި ޤާއިމުކޮށްފައިވާ ރާޑަރުތައް ކޮންޓްރޯލްކުރާނީ މިއަދު އިފްތިތާހު ކުރި ވިލިމާލޭގައި ހުންނަ މައި ސެންޓަރުންނެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ރާޑަރު ސިސްޓަމަކީ ސްރީލަންކާ، އިންޑިއާ، އަދި މޮރިޝަސް، ސީޝެލްސްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާ އެއް ވިއުގަ އަކުން ގުޅާލެވޭނެ ނިޒާމެއެއްކަމަށެވެ.
ރާޑަރު ސްޓޭޝަންތައް މިހާރު އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މިކަމަށް ޚާއްސަ ތަމްރީން ލިބިފައިވާ ދިވެހި ސިފައިންކަމަށް ވެސް އެ މުއައްސަސާއިން ބުނެއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ސިސްޓަމްގެ ސަބަބުން އެ މުއައްސަސާގެ ޤާބިލުކަން އިތުރަށް ފުޅާވާނެކަމަށެވެ. އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެކަމަށް ވެސް އެ މުއައްސަސާއިން ބުނެއެވެ.