ދަރިވަރުންނަކީ ރަނގަޅު އިޖްތިމާއި ތަރުބިއްޔަތެއް ލިބިފައިވާ ބަޔަކަށް ހަދަން އިސްލާމީ ދިވެހި ތަރުބިއްޔަތަކީ މުހިއްމު މާއްދާ އެއް ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި އެސިޔާސަތު ކުރިއަރުވަން ބޭނުންފުޅުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި އިސްލާމީ ތަރުބިއްޔަތަކީ ގައުމީ އައިޑެންޓިޓީގެ މައިގަނޑު އަސާސުކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އެކަންތައް ކުރިއަރުވަން ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި އިސްލާމީ ތަރުބިއްޔަތަށް އަޅުނގަޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން. އެގޮތުން މިހާރު އިސްލާމިކް މިނިސްޓަރީއާއެކު އިސްލާމީ ތަރުބިއްޔަތު ކުރިއެރުވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވޭ. އެބޭފުޅުންގެ އިލްމުވެރިންގެ ފަރާތުން ދަރިވަރުންނަށް ދީނީ ނަސޭހަތްދީ އެކަހަލަ ގޮތްތަކެއް ހެދޭތޯ އެބަ ބަލަން. އެކަމަށް އެބޭފުޅުންވެސް ތިބީ އަޅުނގަޑުމެންނާއި އެހީވާން،" ޔުނިސެފުން ހިންގެވި ތައުލީމީ ޕްރޮގްރާމްތަކުގައި ގިނަ ދުވަހު ހަރަކާތްތެރިވެ ވަޑައިގެންފައިވާ ޑރ. އާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި އަރަބި ތައުލީމްދޭ ހަމައެކަނި މަރުކަޒު ކަމަށްވާ އަރަބިއްޔާ ސްކޫލްގެ ހާލަތު ފާހަގަކުރައްވާ ޑރ. އާސިމް ވިދާޅުވީ އަރަބިއްޔާ ސުކޫލަކީ ރާއްޖޭގައި އަރަބި ތައުލީމްދޭ ސްކޫލުކަމުން އެއީ ވަރަށް ހާއްސަ ސުކޫލެއް ކަމަށާއި މިވަގުތު އެ ސުކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ އެވަނީ ވަރަށް ދެރަ ގޮތެއް ކަމަ ށެވެ.

"އަރަބިއްޔާއަކީ ވަރަށް ހާއްސަ ސުކޫލެއް. ރާއްޖޭގައި ހަމައެކަނި އަރަބި މީޑިއަމުން ތައުލީމް ދެމުން އަންނަ ސްކޫލް. އެހެންކަމުން އެ ސުކޫލް ކުރިއެރުވުމަކީ އަޅުނގަޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. މިހާރު އެ ސުކޫލަށް ދިމާވެފައި އެހެރީ ވަރަށް ދަތި ގޮތަކަށް. އެހެން އިމާރާތެއްގައި ތިބިގެން ތައުލީމް ހާސިލް ކުރަމުން އެދަނީ. އެހެންކަމުން އެކުދިންނަށް ހަދާ އާއިމާރާތުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން. އެކަމަށް އެއްވެސް ހުއްޓުމެއް އަޔަކަ ނުދޭނަން،" ޑރ. އާސިމް ވިދާޅުވި އެވެ.

މާލޭގެ ބޮޑެތި ސްކޫލުތަކެކޭ އެއް ހަމައަކުން އަތޮޅުތަކުގެ ސްކޫލުތަކަށްވެސް ހަމަހަމަ ގޮތެއްގައި ތައުލީމް ދިނުމަކީ އެންމެ ބޮޑު އަމާޒްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުނގަޑުމެންގެ ވަރަށް ބޮޑު އަމާޒެއް ހަމަހަމަ ގޮތެއްގައި ތައުލީމް ދިނުން ހުރިހާ ހިސާބަކަށް ވެސް. މިހާރު ބޮޑެތި ސުކޫލުތަކަށް އަމާޒުކުރުމުގެ ބަދަލުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް، އަތޮޅުތަކުގަ ވެސް ރަށްތަކުގައި ވެސް ސުކޫލުގެ ތައުލީމް ދިނުމުގަ ހަމަހަމަކަން ގެންގުޅުމަށް ވީހާވެސް ބާރު އަޅަން ބޭނުންވާ ކަމެއް،" އާސިމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކަށް ބަދަލެއް ނުގެނެސް، ތައުލީމީ ހިދުމަތްތައް ދޭން ބޭނުން ވިޔަސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އޭގެ ތެރޭގައި މާލީ ދަތިކަމާއި ޓީޗަރުން ނެތުމަކީ ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތައް ކަމަށެވެ.

"އެހެންދާއިރާ ތަކެކޭ އެއްފަދައިން އަޅުނގަޑުމެންނަށްވެސް ބަޖެޓްގެ ދަތިކަން ކުރިމަތިވާނެ. މިގޮތުން ވަސީލަތްތަކުގެ މައްސަލައަކީ ކުރިމަތިވެފައިވާ އެއް މައްސަލަ. އެހެން ނަމަވެސް އެއީ އަބަދުވެސް ކުރިމަތިވާނެ މައްސަލައެއް. އެކަން އަޅުނގަޑުމެން ޖެހޭނެ ގަބޫލުކުރަން. ޓީޗަރުން ތަމްރީން ކުރުމުގެ މައްސަލަތައް، އަދިވެސް ވަރަށް ބައިވަރު ބޭރުގެ ޓީޗަރުން އެބަ އުޅޭ މިދާއިރާގައި މަސައްކަތްކުރާ. އަޅުނގަޑުމެންގެ އަމާޒަކީ ގިނަ އަދަދަކަށް ދިވެހި ޓީޗަރުން ތަމްރީން ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމުގައި އެންމެ ހީނަރުވެފައިވާ އެއްދާއިރާ ކަމަށްވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެވޭ ތައުލީމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ޑރ.އާސިމް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ނިސްބަތް ނިސްބަތުން މަދުކަމުގައި ވީނަމަވެސް އެކުދިންގެ ތައުލީމުވެސް މުހިއްމު ކަމަށެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރާއްޖޭގެ 18 ސުކޫލެއްގައި ތައުލީމް ލިބެމުންދޭ. އެކުދިންގެ ނިސްބަތް ކިތަންމެ މަދުކަމުގައި ވީނަމަވެސް އެއީ އެންމެ ނިކަމެތިކަން އިހުސާސްކުރަންޖހޭ ކުދިން. އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ބޭނުންވޭ." މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެކަހަލަ ކުދިންނަށް ތައުލީމް ދެވޭނެ މުދައްރިސުން މަދުކަމަށާއި އެކަމަށްވެސް ހާއްސަ އިސްކަމެއްދީގެން ބާރު އަޅުއްވާ ކަމަށާއި އެކުދިންގެ ތައުލީމާއި ބެހޭ ސިޔާސަތެއްވެސް ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ޑރ. އާސިމް ވިދާޅުވި އެވެ.