މާފަންނުގައި ހުރި ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަޙުމަދު ޙުސެއިން އޭނާގެ ދިފާއުގައި ވާހަކަ ދައްކައި އެއީ ބަޔަކު އޭނާއަށް ދިން ލަނޑެއް ކަމަށް ބުނެފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ވަނީ ތަޅުން ދަށުގައި ވަޅުލައިލައިފައި ހުރި 42 ކިލޯގެ ހެރޮއިން ހޯދައިފައެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިސް މީހާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކްރިމިނަލް ކޯޓުން ރޭ ވަނީ އެ މައްސަލައިގައި ހައްޔަރުކުރި އަޙްމަދު ޙުސެއިންގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.

މުއްދަތު މަޖިލީހުގައި އަޙްމަދު ޙުސައިން ބުނީ, މަސްތުވާތަކެތި ފެނުނު ތަނަކީ އެއްމެނަށް ވަދެވޭ ގޮތަށްހުރި ތަނެއް ކަމަށާއި އެކަންކޮށްފައިވަނީ އޭނާއާ ދެކޮޅުވެރިކަމެއް އޮތް ބަޔަކު ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އޭނާއަށް ދެރައެއް ދިނުމަށް ކަމަށް ވެސް ކޯޓުގައި އަޙްމަދު ޙުސައިން ބުންޏެވެ.

ފުލުހުން ބުނީ, އަޙްމަދު ޙުސައިން އާންމުކޮށް ގެންގުޅޭ ނަންބަރާއި ފޯނު ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަންކޮށްފައިވަނީ ފުލުހުންނަށް ފިލުމަށް ކަމަށް ކޯޓުގައި ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އަޙްމަދު ހައްޔަރުކުރިއިރު އޭނާއަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެކެވެ. އޭނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށީ ދާއިރާއަށް ވާދަކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމާއެކު ޕީއެންސީން ވަނީ އޭނާ ޕާޓީގެ ކައުންސިލު މެންބަރުކަމުން ވަކިކޮށް، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައެވެ.

މި މައްސަލައިގައި އަޙްމަދު ޙުސައިންގެ އިތުރުން ވެސް އިތުރު މީހަކު ހައްޔަރުކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފައިވެއެވެ. ދެހާސް ވިހި ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 130 ކިލޯއާއެކު ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މެންބަރެއް ކަމަށްވާ ޝަހީބް އިބްރާހީމެވެ. އެ މައްސަލަ ފެންމަތިވުމާއެކު އެ ޕާޓީން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.