އައްޑޫ ލިންކް ރޯޑްގައި ބާރު ސްޕީޑެއްގައި ދުއްވާފައިދަނިކޮށް ކޮންޓްރޯލްނުކުރެވިގެން ގޮސް އިއްޔެ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ފޭދޫ ދަފްތަރު ނަމްބަރު 2، މުހައްމަދު ސާމީ 14، ރޭ ފަތިހުގެ ވަގުތެއްގައި މާލެ ގެނެސްފި އެވެ.

ހިތަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި ޝާހު ސައީދު މިއަދު ވިދާޅުވީ އިއްޔެގެ އެކްސިޑެންޓަގައި އަނިޔާވި ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އަދި އޭނާ މާލެ ގެނައީ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުންނަށް ފެނިވައިގެން ކަމަށް ޑޮކްޓަރުންނާ ހަވާލާދެއްވާ އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސާމީއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އޭނާ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ދިނުމަށް އާއިލާގެ ފަރާތުން ބޭނުން ނުވާތީ އެ މައުލޫމާތު ދެއްވެން ނެތް ކަމަށެވެ.

މި އެކްސިޑެންޓް ހިނގީ ފޭދޫއަށް އަރާ ބޮޑުމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ލިންކްރޯޑުގެ ސްޓޭޑިއަމާވީ ފަޅީގެ ބެންޑުން އަޅަން އުޅުނު ވަގުތު ކޮންޓްރޯލު ނުވެގެން ގޮހެވެ. މިއެކްސިޑެންޓްގައި ސައިކަލްގެ ފަހަތުގައި އިން ސާމީއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އެކްސިޑެންޓް ހިނގި ވަގުތު ވިއްސައިގެން ގޮސް ބަނދަރު ހަދަން ޖަހާފައި ހުރި ހިލަތަކުގައި ޖެހި ބޮލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ނެވެ.

އެކްސިޑެންޓްވިއިރު ސައިކަލް ދުއްވަން އިން 15 އަހަރުގެ ކުއްޖާ މާސީރިއަސް އަނިޔާތަކެއް ލިބިފަ އެއް ނުވެ އެވެ.