27 Mar 2022, 13:21
ކިންގްސްޓަން (27 މާޗް 2022) : އިނގިރޭސި ރާނީ އެލިޒަބަތަކީ ރައީސްކަމަށް ހަދައިގެން އުޅޭ ގައުމުތަކުގެ ލިސްޓުން ވަކިވެ އަމިއްލަ މިނިވަން ޖުމްހޫރިއްޔަތެއް އިއުލާންކުރަން ނިންމާފައިވާކަން ކެރީބިޔަންގެ ގައުމެއް ކަމަށްވާ ޖެމެއިކާގެ ބޮޑުވަޒީރު ހާމަކުރެއްވުމުން އިނގިރޭސި ވަލީއުލްއަހްދުގެ ދަރިކަލުން ޕްރިންސް ވިލިޔަމަށް ސިހުން ލިބިވަޑައިގެންފިއެވެ.
ލަންޑަންގައި ނުކުންނަ ނޫހެއް ކަމަށްވާ "ދަ ޓައިމްސް" ބުނާގޮތުން ޕްރިންސް ވިލިޔަމްއަށް ސިހުން ލިބިވަޑައިގެންނެވީ އޭނާ ޖެމެއިކާއަށް ކުރައްވާ ދަތުރުފުޅުގައި ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ ހޮލްނެސް އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހޮލްނެސް މިވާހަކަ މިލިޔަމަށް ދެންނެވުންނެވެ.
މިވާހަކަ ދެންނެވި ވަގުތު ވިލިޔަމްއަށް ކުއްލި ސިހުމެއްލިބި މޫނުމަތިން ނުތަވަސްކަން ފާޅުވެ މޫނު "ކިލަނބުވެގެން" ދިޔަ މަންޒަރު ކަމާބެހޭ ވީޑިއޯއިން ވަރަށް ސާފުކޮށް ފެނިގެން ދިޔަކަމަށް "ދަ ޓައިމްސް" ބުނެއެވެ. ނަމަވެސް ޖެމެއިކާގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވިލިޔަމްވަނީ އިނގިރޭސި ރަސްކަމުގެ ތާޖުން ވަކިވާން ޖެމެއިކާގެ ނިންމުމަށް އިހްތިރާމް ކުރައްވާކަމަށް ވިދާޅުވެފައެވެ.
ޖެމެއިކާގެ އިތުރުން ކެރީބިޔަން ކަނޑުގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ކައިރި މުސްތަބްގަލެއްގައި އިނގިރޭސި ރަސްކަމުގެ ތާޖުން ވަކިވުމާމެދު ގޮތެއް ނިންމާނެކަމަށް ބުނެފައެވެ. މީގެތެރޭގައި ބަހާމާސް އާއި ބެލީޒް ހިމެނެއެވެ.
ވިލިޔަމް، ކެރީބިޔަންގެ ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އޭނާގެ އަނބިކަނބަލުން ޑަޗަސް އޮފް ކެމްބްރިޖް ކޭޓެ މިޑްލްޓަން ބައިވެރިވެ ވަޑައިގަންނަވައެވެ.
ޖެމެއިކާގެ ނިންމުމާ ބެހޭގޮތުން ވިލިޔަމް ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ހުރިހާ ކަމެއްވެސް ބަދަލުވަމުންދާކަން ގަބޫލުކުރަން ޖެހޭ ކަމަށާ ޖެމެއިކާއާއި ކެރީބިޔަންގެ އެހެން ގައުމުތަކުން އިނގިރޭސި ރަސްކަމުގެ ތާޖުން ވަކިވުމަށް ނިންމާ ނިންމުންތައް ބަލައިގަންނާނެ ކަމަށެވެ.
ކެރީބިޔަން އެހެން ގައުމެއް ކަމަށްވާ ބާބޮޑަސް މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ވަނީ އިނގިރޭސި ރަސްކަމުގެ ތާޖުން ވަކިވެ މިނިވަން މުސްތަގިއްލު ޖުމްހޫރިއްޔަތެއް އިއުލާންކޮށްފައެވެ.
އިނގިރޭސި ދައުލަތުގެ ބާރާއި ނުފޫޒާއި އަޅުވެތިކަމާއި އެގައުމުގެ އިސްތިއުމާރީ ވަކިތަކަކީ އެއް ޒަމާނެއްގައި ދުނިޔޭގެ ބޮޑުބަޔަކަށް ފެތުރިގެން ދިޔައެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސި ދައުލަތް ފުނޑުފުނޑުގެ އިގްތިސާދީ ގޮތުން އިނދަޖެހިގެން ދިޔުމާއެކު ހާލަތު ބަދަލުވެ އިނގިރޭސީން ވަނީ ވަރަށް ކުޑަ އާދައިގެ ބާރަކަށް ބަދަލުވެފައެވެ.
ހަމައެކަނި ޔޫރަޕަށް ބެލިނަމަވެސް އިނގިރޭސި ދައުލަތްވަނީ ޔޫރަޕްގެވެސް ތިންވަނަ ބާރުގެ ހާލަތަށް ވެއްޓިފައެވެ. އިނގިރޭސީން ބަލިކަށިވެ ބާރު ދެރަވުމާއެކު އެ މީހުންގެ އިސްތިއުމާރާއި ނުފޫޒާއި ބާރުން ގިނަ ދައުލަތްތައް މިނިވަންވެ އަމިއްލަވަންތަކަން ހޯދާފައިވަނީ އެ ގައުމުގެ މިހާރުގެ ރާނީ އެލިޒަބަތު ދޭއްގެ ރަނިކަމުގައެވެ.
އެލިޒަބަތުގެ 70 އަހަރުވީ ދިގުލީ ވިރާސީ ރަސްކަމުގައި ގިނަ ގައުމުތައް މިނިވަންވެފައިވީ ނަމަވެސް އެލިޒަބަތަކީ ރައީސްކަމަށް ހަދައިގެން އުޅޭ ގައުމުތަކުގެ ލިސްޓުގައި އަދިވެސް ފަނަރަ ވަރަކަށް ގައުމު އެބައޮތެވެ. އޭގެތެރޭގައި އޮސްޓްރޭލިޔާ، ނިޔުޒީލޭންޑް އަދި ކެނެޑާ ހިމެނެއެވެ. މިތިން ގައުމަކީވެސް އިނގިރޭސީންގެ ދަރިކޮޅު ކަމަށްވާ އެންގްލޯ ސެކްސޮންސްގެ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ގައުމުތަކެވެ.
ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް، ކެރީބިޔަންގެ ގައުމުތަކަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެގައުމުތަކުގެ އާއްމު ރައްޔިތުން ވަނީ އެ މީހުންނަށާއި އެ މީހުންގެ ގައުމަށް އިނގިރޭސި ދައުލަތުން ދީފައިވާ އިސްތިއުމާރީ އަނިޔާތަކާއި އިނގިރޭސީން ގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ބަދަލުދިނުމަށާއި އެކަމަށް މައާފަށް އެދުމަށް ގޮވާލައި ވިލިޔަމްގެ ދެކަނބަލުންނާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.
ޚާއްސަކޮށް އިނގިރޭސީން، ކެރީބިޔަން ސަރަހައްދުގެ ރައްޔިތުން އަޅުންގެ ގޮތުގައި ގެންގުޅެ އިނގިރޭސީން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާމެދު އިނގިރޭސި ދައުލަތް ލަދުވެތިވެ އެކަމަށް ބަދަލުދީ މައާފަށް އެދެން ޖެހޭނެކަމުގެ އަޑު އެ ސަރަހައްދުގެ ގައުމުތަކުގެ ރައްޔިތުން ވަނީ ވިލިޔަމަށް އިއްވާފައެވެ.