ހަގީގީ ލޯބީގެ ނަމޫނާއަކީ ކޮބާ ހެއްޔެވެ؟ ލޯބީގެ ލާމަސީލު މިސާލަކީ ކޮންބައެއް ހެއްޔެވެ؟ އެއީ ދޮންހިޔަލައާއި އަލިފުޅު ހެއްޔެވެ؟ ނުވަތަ ރޯމިއޯއާއި ޖޫލިއެޓް ހެއްޔެވެ؟ ނޫނީ ވިއްޔާ ލައިލާއާއި މަޖުނޫނު ހެއްޔެވެ؟ ނޫނީ ފަރުހާދާއި ޝީރީނު ހެއްޔެވެ؟ އެކި މީހުންގެ ޖަވާބު މިކަމުގައި ތަފާތު ވާނެއެވެ.

މިކަމުގައި އަޅުގަނޑުގެ ގަބޫލުކުރުން ތަފާތެވެ. އަޅުގަނޑުގެ އުފަން ރަށް، ނ. މާފަރުގެ ގިނަ ރައްޔިތުންގެ ނިންމުން ވެސް ތަފާތެވެ. ލޯބީގެ ލާމަސީލު ނަމޫނާއަކީ ދޮންހިޔަލައާއި އަލިފުޅެއް ނޫނެވެ. ރޯމިއޯއާއި ޖޫލިއެޓެއް ވެސް ނޫނެވެ. އަދި ލައިލާއާއި މަޖުނޫނެއް ވެސް ނުމެ ނޫންމެއެވެ. އެއީ މި ރަށުގެ ލާމަސީލު މާމައާއި ކާފައެވެ. މާފަރުގެ މުޅި ރައްޔަތް އެ ދެމަފިރިއަކަށް އިހުތިރާމްކުރާ ލޯބީގެ އަގުހުރި މިސާލެކެވެ.

މުޙައްމަދު ޙަސަން (މާވަޑި މުޙައްމަދު)އާއި މަރިޔަމް ޢަބްދުﷲގެ ކައިވެންޏަށް ވީ ކިހާ ދުވަހެއް ކަމެއް އެ ދެމަފިރިންނަކަށް ވެސް ބުނެދޭކަށް ވެސް ނޭނގެއެވެ. އެހެން ނަމަވެސް، ގައިމު ވެސް އެ ކައިވެންޏަށް މިހާރު ބައިގަރުނަށްވުރެ ގިނަ އަހަރު ވެފައިވާކަން އެނގެން އެބައޮތެވެ.

މި ދެމަފިރިންނަށް 11 ދަރިން ލިބުނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ދުނިޔޭގައި ތިބީ ފަސް ކުދިންނެވެ. އޭގެ ތެރޭގައި ތިބީ ހަތަރު ފިރިހެން ދަރީންނާއި އެއް އަންހެން ދަރިއެކެވެ. އެ ދެމަފިރިންގެ 22 މާމަ ދަރިންނާއި 21 މުނިމާމަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

ކިހާ އަހަރެއް ކުރީގެ ހަނދާންތަކެއްކަން ނޭނގުނު ނަމަވެސް، އެންމެ ފުރަތަމަ ބައްދަލުވި ދުވަހުގެ ހަނދާންތައް އެ ދެމަފިރިން އައު ކުރިއެވެ. މުޙައްމަދު ކިޔައިިދިން ގޮތުގައި، އޭނާ އޭރު ދިރިއުޅުމަށް ކުރާ މަސައްކަތަކީ ރާ އެރުމެވެ. އޭނާގެ ރަށް، ނ. މާޅެންދޫއަށް މަރިޔަމް ދިޔައީ ތިމާގެ މީހެއްގެ ވިހޭގެއަށެވެ.

އެއީ ކިހާ އަހަރެއް ކުރިތޯ ސުވާލުކޮށްލުމުން ދޭނެ ޖަވާބެއް އެ ދެމަފިރިންކުރެ އެކަކަށް ވެސް ނޭނގުނެވެ.

މާފަރުގެ ނަމޫނާ މާމައާއި ކާފަ އެ ދެމަފިރިންގެ ގެ ކައިރީގައި މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

"ލާއިލާހައިއްލަﷲ. ނޭނގޭނެ ކިޔައިދޭކަށް ވެސް،" މުޙައްމަދު ބުނެލިއެވެ.

މަރިޔަމް ކިޔައިދިން ގޮތުގައި އޭނާ ވިހޭގެއަށް ދިޔަ ގެއަކީ މުޙައްމަދު ދިރިއުޅުނު ގެޔާ ވަރަށް ކައިރީގައި ހުންނަ ގެއެކެވެ.

"ދެން މީނާ [މުޙައްމަދު] ދާނެ އެ ގެއަށް އީސަބެ ކައިރިއަށް. އީސަބެ ކުރުވިކަމެއް ކަމަކީ،" ހިނިތުންވެ އިނދެ މަރިޔަމް ކިޔައިދިނެވެ.

މި ދެމަފިރިންނަކީ އަބަދުވެސް އެކުގައި އުޅޭ ދެމަފިރިންނެވެ. ތަނަކަށް ދިޔަޔަސް ދާނީ ދެމަފިރިން އެކުގައެވެ. ގެ ކައިރީގައި ހުންނަ ޖޯލިފަތީގައި ދެމަފިރިން ފިނިކޮށްލަން ވެސް ގޮސް ތިބެއެވެ.

"އަޅުގަނޑު ފެންނަންޏާ އޭނާ ފެންނާނެ،" މުޙައްމަދު ކިޔައިދިނެވެ.

އެކަކު އަނެކަކު ބަލިވުމުން ވެސް، މި ދެމަފިރިންނަކީ އެކަކު އަނެކަކަށް އަޅައިލާ ދެމަފިރިންނެވެ. އެކަކު ބަލިވެއްޖެނަމަ، އަނެކަކު ހުންނާނީ ޚިދުމަތުގައެވެ.

"ހަމަ އެއް ގޮތެއް އިންނާނީ، މަގޭ ބަލިއްޔާ އޭނާ އެ ބަލިވީ،" މުޙައްމަދު ބުނެލިއެވެ.

"އެއްކަލަ ކުޑަކުދިން ބަލިވާހެން. ކުޑަކުދިން ބަލިވީމަ މަންމަ ވެސް ބަލިވެއެއްނު،" ލުއި ހިނިތުންވުމަކާއެކު މަރިޔަމް ބުނެލިއެވެ.

ކޮންމެ އަހަރަކު ވެސް އެއްފަހަރު އެ ދެމަފިރިން ދިރިއުޅޭ ގެ ޒީނަތްތެރި ކުރާނެއެވެ. އެ މަސައްކަތުގައި ވެސް އުޅޭނީ އެ ދެމަފިރިންނެވެ. ގޭގެ ވަށާ ފާރުގައި ވެސް ހުންނާނީ ޑިޒައިންތައް އަޅައިފައެވެ. އެއީ "ހޮބީ"އެއްގެ ގޮތުގައި މުހައްމަދު ކުރާ މަސައްކަތެކެވެ.

މާފަރުގެ ނަމޫނާ މާމައާއި ކާފަ -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

ރާއްޖޭގައި ފެންނަ މަންޒަރަކީ ކައިވެނިތައް ރޫޅޭ މަންޒަރެވެ. މާ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ނޫޅެވޭ މަންޒަރެވެ. އެހެން ނަމަވެސް، މި ދެމަފިރިންގެ ދިިރިއުޅުމުން އަދުގެ ޒުވާނުންނަށް ލައްކަ ވާހަކަ ކިޔައިދެއެވެ.

މި ދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރު މިހާރު އުޅެނީ 60އިން މަތީގައެވެ. ކައިވެންޏަށް ވީ ދުވަހެއް ބުނެދޭން ވެސް ނޭނގެއެވެ.

ހަނދާންވަނީ ދިވެހި ލޯބީގެ ފިލްމެކެވެ. "އެންމެފަހު ވިންދާ ޖެހެންދެން" ވެސް އެކުގައި އުޅެވޭނެއެވެ.