އައްޑޫ ޕޮލިސް ކޮލެޖު ހުޅުވުމުގައި އިންޑިއާއާއި ރާއްޖޭގެ ކުރީގެ ރައީސުން ވެދެއްވައިފައިވާ އެހީތެރިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމްކޮށްފައިވާ، "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވައިފައިވަނީ މިއަދު ހެނދުނެވެ.

ޕޮލިސް ކޮލެޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެފަދަ ދީލަތި ބޮޑު އެހީތެރިކަމެއް ވެދެއްވި ކަމަށް ޓަކައި އިންޑިއާގެ ބޮޑުވަޒީރާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވައިފައެވެ.

މިފަދަ ކޮންމެ މަސައްކަތަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުން ހާމަވެގެންދާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތަކަކީ، ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް އަބަދުވެސް ވެދެވެމުންދާ އެހީތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ކޮލެޖް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ފުލުހުން

މިގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ސްޓަޑީޒްއާއި 34 ރަށުގެ ފެނާއި ނަރުދަމާއާއި ތިލަމާލެ ބްރިޖާއި ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކުރުމާއި އައްޑޫގެ ބިންހިއްކުން ފަދަ މަޝްރޫއުތައް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާއިން ދިވެހިންނަށް އެހީވަމުން އަންނަނީ އެއިރަކު އޮންނަ ސަރުކާރަކަށް ބެލުމެއް ނެތި ކަމަށެވެ.

"އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ، އެއިރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި، ގައުމުގެ ތަރައްގީއާއި ދިވެހިންގެ ކުރިއެރުމަށް ވަމުންދާ އެހީއެއް، މިއަދު ހުޅުވިގެންދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ މީގެ އެއް މިސާލު،" ރައީސް ވިދާޅުވިއެވެ.

އައްޑޫ ޕޮލިސް ކޮލެޖުގެ ވާހަކަ ފެށުނީ 2009ގައި ކަމަށާއި އޭގެ ފަހުން އޭގެ މަސައްކަތްތައް ކުރިއަށް ދިޔަ ކަން ފާހަގަކުރައްވައި، ރައީސް ވަނީ ޕްރޮޖެކްޓު ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާތީ ކުރީގެ ރައީސުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

"މިއީ އިންޑިއާ ސަރުކާރުން ދިވެހިންނަށް ވެދީފައިވާ ދީލަތި އެހީ، މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ޓަކައި މީގެ ކުރީގެ ސަރުކާރުތަކުން ކުރެއްވި މަސައްކަތް ފާހަގަކޮށް އެއިރުގެ ރައީސް ކަމުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ރައީސް ޢަބްދުﷲ ޔާމީނާއި ރައީސް މުޙައްމަދު ވަހީދާއި ރައީސް މުޙައްމަދު ނަޝީދަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ކޮލެޖް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރު--- ފޮޓޯ/ ފުލުހުން

ޕޮލިސް ކޮލެޖުގެ މަސައްކަތަށް އިންޑިއާއިން 300 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ ހުޅުވިގެން ދިޔަ ކޮލެޖުން ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

އައްޑޫ ޕޮލިސް ކޮލެޖަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ތަމްރީނުކޮށް، ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެކެވެ. މި މަޝްރޫއަށް ޖުމްލަ 40އާއި 42 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ ޚަރަދުކޮށްފައެވެ.

ކޮލެޖް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓު ހުޅުވުން--- ފޮޓޯ/ ފުލުހުން

އައްޑޫގައި ޕޮލިސް ކޮލެޖެއް ހަދަން އެއްބަސްވުމުގައި ސޮއިކުރީ 2012 ވަނަ އަހަރެވެ. ކޮލެޖު ހަދަން ނިންމިކަން ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ 2014 ވަނަ އަހަރެވެ. މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި ނިންމާގޮތަށް 2016 ވަނަ އަހަރުގެ ފަހުކޮޅު އެ މަޝްރޫއު ހަވާލުކުރިއިރު، ތަނުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރެވެ.

ކޮލެޖު ހުޅުވަން ދޫކުރި ސަރަހައްދުގެ މޫދާވީ ފަޅިން ބައެއް ހިއްކައި، އެތަނުގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ.

ޕޮލިސް ކޮލެޖު ތަރައްގީކޮށްފައިވަނީ އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ޚިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނޭ ގޮތަށެވެ.