17 Mar 2012, 13:02
ޕީޕީއެމްގެ ކައުންސިލަށް އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް އައްޔަން ކުރައްވާފައިވާ މެންބަރު ޑރ. މުހައްމަދު ސައުދު ޕީޕީއެމްއިން މިއަދު ވަކިވެވަޑައިގެންފި އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސައުދު ވިދާޅުވީ ޕީޕީއެމްއިން ވަކިވެވަޑައިގަތީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންތައްތައް ނުދާތީ އާއި ޕާޓީގެ ލީޑާޝިޕުން ހާއްސަ މަސްލަހަތު ދިފާއުކޮށް އާންމު މަސްލަހަތަށް ޕީޕީއެމުން ތަންނުދޭނީ ކަމަށެވެ. ޕާޓީގެ ލީޑާޝިޕުން ހާއްސަ މައްސަލަހަތު ދިފާއު ކުރައްވަނީ ކޮންބޭފުޅެއްކަން ދަންނަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާށިދޫ ދާއިރާއަށް ޕީޕީއެމުން ނުކުންނަ ކެނޑިޑޭޓު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އަށް ޕީޕީއެމްގެ ލީޑާޝިޕުން ތާއީދު ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިފުން ވައްޑޭ ކައިރީގައި އެދެމުންދަނީ އޭނާގެ ނަން އަބުރާ ގެނައުމަށް ކަމަށާއި ޕާޓީން ތާއީދު ކުރާނީ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ދާއިރާއަށް ނުކުންނަ ކެންޑިޑޭޓް އަބްދުﷲ ޖާބިރަށް ކަމަށެވެ.
"އޭނާ [ވައްޑޭ] އަށް ޕާޓީން ލިބެންޖެހޭ އެއްބާރުލުމާއި ތާއީދު ލީޑާޝިޕުން ދިނުމުގެ ބަދަލުގައި އެހެން ޕާޓީއަކުން [ޖުމްހޫޕީ ޕާޓީގެ ކެނޑިޑޭޓް ޖާބިރު] އަށް ގޮނޑި ދޫކޮށްލުމަށް ނަސޭހަތްތެރިވަމުން އަންނާތީ އާއި ނަން އަބުރާ ގެނައުމަށް ޕާޓީގެ އިސް ފަރާތްތަކުން ތަކުރާރުކޮށް އެދެމުންދާތީވެ އަޅުގަނޑު ވަކިވީ. އެއީ ޕާޓީގެ ރޫހާ ޕާޓީގެ އަސާސީ ގަވާއިދާ ފުށުއަރާ ކަމެއް،" ތަސްމީންގެ ލީޑާޝިޕްގައި ޑީއާރުޕީގެ އެޑްވައިޒަރީ ބޯޑުގެ ހިއުމަން ރިސޯސަސް އެޑްވައިޒަރަކަށް ހުންނެވުމަށްފަހު އެ ޕާޓީން ވެސް ވަކިވެވަޑައިގެނެވި އަދި ފަހުން ޕީޕީއެމް އުފެއްދެވުމުގައި އިސް ދައުރެއް އަދާ ކުރެއްވެވި ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ޕާޓީގެ ތެރޭގައި ޖެހުނު މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށާއި ނަމެވެސް އެކަމަށް އަލިމަގެއް ލިބިފައި ނުވާ ކަމަށެވެ. ޕާޓީގެ އާންމު މެންބަރުން ބޭނުންވާ އުންމީދުތައް ހާސިލް ނުކުރެވޭނެ ދަރަޖައަށް ދިއުމުން ޕާޓީ ވަކިވެގެން ދިއުމުގައި އެއްވެސް މީހަކާ މަޝްވަރާ ކުރައްވަން ނުޖެހޭނެ ކަމަށް ސައުދު ވިދާޅުވި އެވެ.
ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހު ޑރ. ސައުދު ވިދާޅުވީ އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުންފުޅު މިވަގުތު ނުގެންގުޅުއްވާ ކަމަށެވެ.
ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފު ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގެ ހުރިހާ އެންމެންވެސް އެދެމުން ދަނީ ކާށިދޫ ދާއިރާއަށް ކުރިމަތިލެއްވެވި ވައްޑޭގެ ނަން އަނބުރާ ނެގުމަށް ކަމަށައި އެކަމާ ހަމައެކަނި ހިޔާލު ތަފާތުވެ އިންކާރު ކުރައްވާ ބޭފުޅަކީ ސައުދު ކަމަށެވެ.
"އެފަދަ ކަމެއްގައި ސައުދު ވަކިވެ ވަޑައިގެންނެވުމުން އަޅުގަނޑު ހިތާމަ ކުރަން، އިއްތިހާދުވެފައިވާ ޕާޓީތަކުން ވެސް އެދެނީ މިވަގުތަށް ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ވައްޑޭގެ ނަން އަނބުރާ ގެނެސް ޖާބިރަށް ތާއީދު ކުރުމަށް" މަހުލޫފު ވިދާޅުވި އެވެ.