މާފަންނުގައި ހުރި ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަޙުމަދު ޙުސެއިންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ވަނީ ތަޅުން ދަށުގައި ވަޅުލައިލައިފައި ހުރި 42 ކިލޯގެ ހެރޮއިން ހޯދައިފައެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިސް މީހާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކްރިމިނަލް ކޯޓުން ރޭ ވަނީ މައްސަލައިގައި ހައްޔަރުކުރި އަޙުމަދު ޙުސެއިންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފައެވެ.

މި މައްސަލައިގައި އަޙުމަދު ހައްޔަރުކުރިއިރު އޭނާއަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެކެވެ. އޭނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށީ ދާއިރާއަށް ވާދަކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމާއެކު ޕީއެންސީން ވަނީ އޭނާ ޕާޓީގެ ކައުންސިލު މެންބަރުކަމުން ވަކިކޮށް، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައެވެ.

މި މައްސަލައިގައި އަޙުމަދުގެ އިތުރުން ވެސް އިތުރު މީހަކު ހައްޔަރުކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕީއެންސީގެ ކައުންސިލް މެންބަރަކު ހައްޔަރުކޮށްފައިވެއެވެ. ދެހާސް ވިހި ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 130 ކިލޯއާއެކު ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މެންބަރެއް ކަމަށްވާ ޝަހީބް އިބްރާހީމެވެ. މައްސަލަ ފެންމަތިވުމާއެކު އެ ޕާޓީން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.