"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ހައްޔަރު ކުރީ ކައުންސިލަރުންގެ އަޑު ކަނޑުވާލަން ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

އެ މުޒާހަރާއިން ހައްޔަރުކުރި 17 މީހުންގެ ތެރެއިން އަށް މީހުން ދޫކޮށްލުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ ނުވަ މީހަކަށް ބަންދުގެ މުއްދަތު ޖަހައިފައެވެ. މިގޮތުން ނަރީޝްގެ ބަންދަށް ވަނީ ދެ ދުވަސް ޖަހައިފައެވެ.

ނަރީޝް ހައްޔަރުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއީ ގާނޫނު އަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ކައުންސިލަރުންގެ ބާރު ކަނޑުވާލުމަށް ހިންގައިފައިވާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

"[މިއީ] ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހޮއްވަވާފައި ހުންނެވި ކައުންސިލަރުގެ ބާރު ކަނޑުވާލުމާއި، އަޑު ކަނޑުވައިލުމަށްޓަކައި ހިންގައިފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެކެވެ."

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ނަރީޝް ދޫކޮށްލުމަށް ގޮވައިލައިފައެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން ހުކުރު ދުވަހު މާލޭގައި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ އެކަން ނުކުރުމަށް ފުލުހުން އަންގާފައިވަނިކޮށެވެ.

އެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު, ޝަރުތުކުރުމަށްފަހު ރޭ ވަނީ ދޫކޮށްލައިފައެވެ.

ނަރީޝްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލުގެ ބަންދަށް ވެސް ވަނީ ހަތް ދުވަސް ޖަހައިފައެވެ.