މިފްކޯ އިން ވިއްކާ ދަޅުމަހުގެ މުޅިން އައު އުފެއްދުންތަކެއް ތަޢާރަފުކޮށްފިއެވެ.

މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އުފެއްދުންތައް ތައާރަފުކޮށްދެއްވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީއާއި، ބޯޑް މެންބަރު ޝުޢައިބު މުޙައްމަދެވެ.

މި އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ޒައިތޫނި ތެލުގައި ބަންދުކުރެވިފައިވާ ބަނޑައިދުލާއި، މިރުހާއި ލުނބޮޔާއެކު ފެނުގައި ބަންދުކުރެވިފައިވާ މަސްދަޅެވެ.

މިފްކޯގެ އައު އުފެއްދުންތައް ތައާރަފުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ވާހަކަ ދައްކަވަނީ --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ އެ ކުންފުނީގެ "ހޮޓް ޕެކް"ގެ ދަށުން މީގެ ކުރިން ތަޢާރަފުކުރި ބާވަތްތަކެކޭ އެއްފަދައިން މި އުފެއްދުންތަކަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލެބޯޓަރީތަކުގަޔާއި، ޓާގެޓް ގްރޫޕްތަކުގައި ވަރަށް ރަނގަޅަށް ޓެސްޓު ކުރުމަށްފަހު މި އުފެއްދުންތައް ކަސްޓަމަރުންނާއި ހަމައަށް މި ގެނެސްދެނީ،" ފައުޒީ ވިދާޅުވިއެވެ.

މިފްކޯގެ އައު އުފެއްދުންތައް ތައާރަފުކުރުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

އޭނާ ވިދާޅުވީ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދަޅުމަސް އުފެއްދުމަށް ހިނގާ ޚަރަަދު އެތައްތަނެއް ބޮޑު ވެފައިވާ ކަމަށާއި، ނަމަވެސް، ރޯދަމަސް ނިމެންދެން ދަޅުމަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ފަހިކޮށްދިނުމަށް އެ ސަރަހައްދުގައި ވަރަށް އަވަހަށް ފިހާރައެއް ހުޅުވާނެ ކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.