މައިގްރެއިންއަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު ތަހައްމަލް ކުރަމުން އަންނަ ބައްޔެކެވެ. މި ބަލީގެ ސަބަބުން ގަދައަށް ބޮލުގައި ރިއްސައެވެ. އާންމު ގޮތެއްގައި ރިއްސާނީ ބޮލުގެ އެއް ފަރާތުގައެވެ.

މި ބަލި ޖެހުމުގެ އަސްލު ސަބަބު އަދި ދެނެގަނެވިފައެއް ނެތެވެ. ނަމަވެސް، ސައިންސްވެރިންގެ ދިރާސާތަކުން ދައްކާގޮތުން، މައިގްރެއިން ޖެހުމުގެ ސަބަބަކީ ސިކުނޑީގައި ކުރެވޭ އާދަޔާ ހިލާފު ހަރަކާތެއްގެ ސަބަބުން ސިކުނޑީގައިވާ ނާރު ސިގްނަލްތަކާއި ކެމިކަލްތަކާއި ލޭހޮޅިތަކަށް ވަގުތީ ގޮތުން އަސަރުކުރުމެވެ.

ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް އަސަރުކުރާ މައިގްރޭން ހަތަރު މަރުހަލާއަކަށް ބެހިގެން ދެއެވެ. އެއީ ޕްރޮޑްރޯމް، އައުރާ، އެޓޭކް އަދި ޕޯސްޓް ޑްރޯމް އެވެ.

ޕްރޮޑްރޯމް

ޕްރޮޑޯމް އަކީ މައިގްރެއިން އެޓޭކްގެ އެކެއް ނުވަތަ ދެ ދުވަސް ކުރިން ހަށިގަނޑުން އަލާމާތްތައް ފެނުމަށް ކިޔާ ނަމެކެވެ. އެގޮތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ގިނަގިނައިން ކުޑަކަމުދެވުން، ގިނައިން ކާއެއްޗެހި ކާހިތްވުން، އަވަސްއަވަހަށް މޫޑު ބަދަލުވުންފަދަ ކަންކަން ހިމެނެއެވެ.

އައުރާ

"މައިގްރެއިން އައުރާ" އަކީ މައިގްރެއިން އެޓޭކްގެ ފަހުން ނުވަތަ ކުރިން ހަށިގަނޑަށް އަންނަ ބަދަލަކަށް ކިޔާ ނަމެކެވެ.

އާންމު ގޮތެއްގައި މި އަލާމާތްތަކަކީ ދެނެގަންނަން ފަސޭހަ އަލާމާތްތަކެވެ. މި އަލާމާތްތައް ހަށިގަނޑުގައި އުފެދިގެން ދަނީ ލަސްލަހުންނެވެ. އަދި 60 މިނެޓަށް މި އަަލާމާތްތައް ހަށިގަނޑުގައި ދެމިގެންދެއެވެ. އެގޮތުން ލޮލުގެ ފެނުން ފުސްވުން، ގައިގެ އެއްފަޅިން ވާގިނެތުން، ވާހަކަ ދައްކަން އުނދަގޫވުން ފަދަ ކަންކަން ހިމެނެއެވެ.

އެޓޭކް

"މައިގްރެއިން އެޓޭކް" ހަތަރު ގަޑިއިރާއި 72 ގަޑިއިރަށް ދެމިގެން ދާއިރު، މައިގްރެއިންގެ ސަބަބުން ހަށިގަނޑަށް ގިނަގުނަ އުނދަގޫތަކެއް ކުރުވައެވެ. އެގޮތުން، ގަދައަށް ބޮލުގައި ރިއްސުމާއި، ހޮޑުލެވުން ފަދަ ކަންކަން ކުރިމަތިވެގެންދެއެވެ.

މި ބަލި ތަޙައްމަލް ކުރަމުންދާ މީހުންނަށް، މައިގްރެއިން އެޓޭކަކަށް ފަހު އެއް ދުވަސް ވަންދެން މިކަމުގެ އަސަރު ހަށިގަނޑުގައި ދެމިހުރެއެވެ. އެގޮތުން މީހާ ގައިގައި ވަރުދެރަވެ، އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތައް ކުރުމަށް އުނދަގޫތަކާ ކުރިމަތި ވެގެންދެއެވެ.

މައިގްރޭން އަކީ ގިނަފަހަރަށް ބަލި ދެނެ ނުގަނެވޭ، ފަރުވާއެއް ނެތް ބައްޔެކެވެ.

ގަވާއިދުން މައިގްރޭންގެ އަލާމާތްތައް ފެންނަ ނަމަ، އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރަށް ދެއްކުމެވެ.