17 Mar 2012, 12:56
ގއ. ކޮލަމާފުށީ ސިއްހީ މަރުކަޒާއި އެ ރަށު ބޭސް ފިހާރައިގެ ބިއްލޫރިތައް ތަޅާލައިފި އެވެ.
ކޮލަމާފުށީ ކައުންސިލުގެ ރައީސް އަހުމަދު ޖަމީލު ވިދާޅުވީ ސިއްހީ މަރުކަޒާއި ބޭސް ފިހާރައިގެ ބިއްލޫރި ތަޅާލިކަން ކައުންސިލަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެދުނު ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު މިއަދު ބުނީ ރޭގެ ވަގުތެއްގައި އެރަށު ސިއްހީ މަރުކަޒުގެ މައި ދޮރުގެ ބިއްލޫރިތައް އެއްކޮށް ތަޅާލައި ބޭސް ފިހާރައަށް ވެސް ގެއްލުންތައްދީ ބިއްލޫރި ތަޅާލާފައިވާ ކަމަށެވެ. އަދި ބޭސްފިހާރައަށް ސޭލްސްގެ ގޮތުގައި އިއްޔެ ލިބުނު 150ރ. ވަގަށް ނަގާފައިވާ ކަމަށެވެ. ސިއްހީ މަރުކަޒުގައި ވޮޗަރަކު ބަހައްޓާފައެއް ނުހުރެ އެވެ.
"ސިއްހީ މަރުކަޒުގެ ދޮރުގެ ބިއްލޫރި އެއްކޮށް ތަޅާލާފައި ހުރީ. ހީވާގޮތުން ގާބުރިއަކުން ޖަހާ ތަޅާލާފައި ހުރީ. ފާމަސީގެ ވެސް މައި ދޮރު އެއްކޮށް ހަލާކުކޮށް ބިއްލޫރިތައް ވެސް ތަޅާލާފައި ހުރީ،" އޭނާ ބުންޏެވެ.
ކޮލަމާފުށީ ބޭސްފިހާރަ އަކީ ސަދަން ހެލްތް ސާވިސަސް ކޯޕަރޭޝަނުގެ ދަށުން ހިންގާ، ރައްޔިތުންގެ ބޭސް ފިހާރައެކެވެ.