19:00


ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އަންޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަނިވާ ގޮތަށް އޮތުމުން، ތަސްދީޤު ނުކުރައްވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވުމުން، ރައީސް ތަސްދީގު ކުރެއްވުމަށް މަޖިލިހުން ފާސްކުރެއްވުމުން އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި އެވެ.


ދިވެހި ސިވިލް ސާވިސްގެ ޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު މި ތަޞްދީޤު ކުރައްވާފައިވަނީ މަޖިލީހަށް އެބިލް ފޮނުއްވިއިރު އޮތް ގޮތަށެވެ. ރައީސް ނަޝީދު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެބިލަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުސަތުގައި، ހޫނުގަދަ ބަހުސަކަށްފަހު އެވަގުތު މަޖިލީހުގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެން އެ ބިލް ވަނީ ފާސްކޮށްފަ އެވެ. މިބިލް ތަސްދީގް ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފަ އެވެ.


މި އިޞްލާޙުގައިވާ ގޮތުން، ސިވިލް ސަރވިސް ކޮމިޝަނަށް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެ އެވެ.