އުމުރުން 11 އަހަރުގެ ދޮން ދަރިއަކަށް ޖިންސީ ގޯނާ ކޮށްގެން ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޯތު ޕޮލިސް ރީޖަންގެ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ފިރިހެނަކު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި އެއީ އެ ކުއްޖާގެ ދޮންބައްޕައެވެ.

އޮފިޝަލް ވިދާޅުވީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގައިވާގޮތުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުވެއްޖެނަމަ އެ މީހަކު 15 އަހަރާއި 18 އަހަރާ ދެމެދު މުއްދަކަށް ޖަަލައްލެވޭނެއެވެ.