26 Mar 2022, 23:40
ގދ. ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ސައީދު 'ސަން' އަށް ވިދާޅުވީ, އެކްސިޑެންޓެއްގައި އަނިޔާވެގެން ގެނައި ޒުވާނަކަށް އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.
އަނިޔާވި ޒުވާނާ އާސަންދައިގެ އެހީގައި މާލެ ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނާގެ ބޮލަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވިއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 5:00 ހާއިރު ތިނަދޫ ފްލެޓް ސަރަހައްދުގެ ތާރުއެޅި ހިސާބުގައެވެ.
ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި ދެން އަނިޔާވެފައިވަނީ މާބަނޑު އަންހެނަކާއި ކުޑަކުއްޖަކަށެވެ. ފަރުވާއަށްފަހު އެ މީހުން ވަނީ ދޫކޮށްލައިފައެވެ. އެ ދެ މީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.