26 Mar 2022, 19:25
މިއަދު ބޭއްވި ފ. ނިލަންދޫއާއި، ދ. މީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަނުގެ ގޮނޑިތައް ޕީޕީއެމާއި، އެމްޑީއޭ އިން ކާމިޔާބުކޮށްފިއެވެ.
މީދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި އެމްޑީއޭގެ ކެނޑިޑޭޓް ހުދުނާ ޢަބްދުލްޢަޒީޒް ކާމިޔާބުކުރީ އިތުރު ތިން ކެނޑިޑޭޓުންނާއި ވާދަކޮށެވެ. އޭގެ ތެރޭގައި އެމްޑީޕީ، އެމްއެންޕީ، އަދި އަމިއްލަގޮތުން ކުރިމަތިލި ކެނޑިޑޭޓަކު ހިމެނެއެވެ.
މީދޫ އިންތިހާބުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގެ ނަތީޖާ ލިބިފައިވާ އިރު އިންތިހާބު ކާމިޔާބު ކުރި ހުދުނާއަށް 353 ވޯޓު ލިބުނެވެ. އެންމެ ކައިރިން ވާދަކުރި އެމްއެންޕީގެ ކެނޑިޑޭޓް ޝުޢުލާ ވަޙީދަށް ލިބުނީ 208 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓް އާމިނަތު ފަޒްނާއަށް 120 ވޯޓު ލިބުނު އިރު، އަމިއްލަގޮތުން ވާދަކުރި ޢާއިޝަތު ސަމާއަށް ލިބުނީ 74 ވޯޓެވެ.
ނިލަންދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓް ރަނިއްޔާ ނަސީރު ކާމިޔާބުކުރީ އިތުރު ހަތަރު ކެނޑިޑޭޓުންނާއި ވާދަކޮށެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރި ތިން ކެނޑިޑޭޓަކާއި، އެމްއެންޕީގެ ކެނޑިޑޭޓަކު ހިމެނެއެވެ.
އެ އިންތިހާބުގެ ހުރިހާ ފޮއްޓެއްގެ ނަތީޖާ ވެސް ވަނީ ލިބިފައެވެ. އިންތިހާބު ކާމިޔާބު ކުރި ރަނިއްޔާއަށް ޖުމްލަ 247 ވޯޓު ލިބިފައިވެއެވެ. އޭނަޔާ އެންމެ ކައިރިން ވާދަ ކުރެއްވީ އަމިއްލަ ކެނޑިޑޭޓް މުނީރާ އިބްރާހީމެވެ. އޭނާއަށް ލިބުނީ 231 ވޯޓެވެ. އެމްއެންޕީގެ ޚަދީޖާ ޢަލީ އަށް 223 ވޯޓު ލިބުނެވެ. އަމިއްލަ ގޮތުން ވާދަކުރި އާމިނަތު ޢަލީ އަށް 151 ވޯޓު ލިބުނު އިރު ޠާހިރާ އިސްމާޢީލަށް ލިބުނީ 85 ވޯޓެވެ.
މި އިންތިހާބު ކާމިޔާބު ކުރި ދެ ޕާޓީއަކީ ވެސް ކާމިޔާބު ހޯދި ރަށުގައި ތާއީދު ބޮޑު ޕާޓީއެއްކަން ފާހަގަ ކުރެވެއެވެ.
މިއަދު ވަނީ ޅ. ކުރެންދޫ ކައުންސިލުގެ ރައީސްގެ ބައި އިލެކްޝަން ވެސް ބާއްވާފައެވެ. އެ އިންތިހާބު ކާމިޔާބުކުރީ ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާޢީލް މަދީޙުއެވެ.