17 Mar 2012, 12:18
ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ ހާއްސަ މަންދޫބު ސާ ޑޮނަލްޑް މެކްކިނޮން އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
ކޮމަންވެލްތް އިން މައުލޫމާތު ދިން ގޮތުގައި ޑޮނާޑްގެ މި ދަތުރުފުޅުގައި ރާއްޖޭގައި ތިއްބެވި ސްޓޭކް ހޯލްޑާސްއާ ބައްދަލުކުރައްވާ ރާއްޖޭގެ ސިޔާސީ އޮއިވަރާއި ބެހޭގޮތުންނާއި މުއައްސަސާތައް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވަން ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ މިހާރުގެ މަސްރަހާއި ބެހޭގޮތުން ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި އެކު ބައްދަލުކޮށް އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރައްވާ، ކޮމަންވެލްތްގެ ފަރާތުން ރާއްޖެއަށް ވެދެއްވޭނެ އެހީތަކާއި ބެހޭގޮތުން ވާހަކަދެއްކުމަށް ހަމަޖެހިފައިވެ އެވެ.
ކޮމަންވެލްތްއިން ވަނީ ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވޭ ފަދަ ސިޔާސީ އެއްބަސްވުމަކަށް އައުމަށް ހުރިހާ ޕާޓީތަކުން ބޭއްވި ވާހަކަތަކަށް ކުރިއެރުމެއް ލިބިފައި ނުވާތީ ކަންބޮޑުވާ ކަމަށްބުނެ އިއްޔެ ބަޔާނެއް ވެސް ނެރެފަ އެވެ.