26 Mar 2022, 20:41
މި އަހަރު ޤަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށްފަހު ވިސްނަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި ކަމަށް އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ބުނެފިއެވެ.
މެސީ މިހެން ބުނެފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އާޖެންޓީނާއިން ވަނީ ކޮލިފައިންގައި ރޭ 3-0 އިން ވެނުޒުއޭލާ ބަލިކޮށްފައެވެ. އާޖެންޓީނާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނިކޮލަސް ގޮންޒާލޭޒް، އަންހެލް ޑި މާރިއާ އަދި މެސީއެވެ.
ރޭގެ މެޗުގެ ކުރިން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފައިވަނީ ރޭގެ މެޗަކީ މެސީ އަޖެންޓީނާގެ ގައުމީ ޖާޒީގައި ރަސްމީ މެޗެއްގައި ކުޅޭ ފަހު ފަހަރަށް ވެދާނެ ކަމަށެވެ.
އެވާހަކަތަކާ ގުޅިގެން ރޭގެ މެޗަށް ފަހު ނޫސްވެރިޔަކު ވަނީ މެސީއާ ސުވާލުކޮށްފައެވެ. ޖަވާބުގައި އޭނާ ބުނީ މި ވަގުތު ވިސްނުން ހުރީ ކުރިއަށް އޮތް އެކުއެޑޯ މެޗަށް ކަމަށެވެ. އަދި އޭގެ ފަހުން ވިސްނަންޖެހޭ އެހެނިހެން ބައިވަރު ކަންކަން އެބަ ހުރި ކަމަށް އޭނާ ބުންޏެވެ.
"ވޯލްޑް ކަޕަށްފަހު އަހަރެން އަލުން ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ރަނގަށް ދިޔަޔަސް ގޯސްކޮށް ދިޔަޔަސް،" އާޖެންޓީނާގެ ކެޕްޓަން މެސީ ބުންޏެވެ.
މެސީ ވަނީ އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް އާޖެންޓީނާއާއެކު ކާމިޔާބުކޮށް، ގައުމީ ޓީމާއެކު ތައްޓެއް ހާސިލް ކުރުމުގެ އުންމީދު ފުރިހަމަކޮށްފައެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ކުޅުންތެރިޔާއަކަށް ވެސް ހޮވުނީ މެސީއެވެ.
އާޖެންޓީނާ އާއި ދެކުނު އެމެރިކާގެ ގިނަ މީޑިއާ ތަކުން ރިޕޯޓުކުރާ ގޮތުހައި މެސީ އަންނަނީ މި އަހަރުގެ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ވިސްނަމުންނެވެ.