26 Mar 2022, 19:34
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފިއެވެ.
ރައީސްގެ ދެ ކަނބަލުން ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް މިއަދު ވަޑައިގެން އެމަނިކުފާނު ވަނީ މަގު ހެދުމުގެ މަސައްކަތް ބައްލަވައިލެއްވުމުގެ އިތުރުން އެ ސިޓީގެ ގިރާ ސަރަހައްދާއި ބަނދަރު ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފައެވެ. އަދި ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލު އެތަން ވެސް ރައީސް ބައްލަވައިލެއްވިއެވެ.
ފުވައްމުލަކު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީން އިން ނެވެ.
މަގުހެދުމުގެ މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ބޮޑުބައެއް ނިންމާފައިވާއިރު މަގުތައް ތަރައްޤީކުރަނީ މަގުތަކުގައި ތާރުއެޅުމާއި ސްޓޯމްވޯޓާ ޑްރެއިނޭޖާއި މަގުބައްތި ޖެހުން ވެސް ހިމެނޭގޮތަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފެންވަރު މަތިކުރުމުގެ ގިނަ މަސައްކަތްތައް ސަރުކާރުން ކުރިޔަށް ގެންދާއިރު އޭގެތެރޭގައި ހަތަރު ކޮންސަލްޓިން ރޫމާއި، ލެބޯރޓަރީ އާއި، ޕީސީއާރު ލެބާއި، ފިޒިއޯތެރަޕީ އާއި ވެއިޓިން އޭރިޔާ ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސް އައްޑޫއަށް މި ކުރައްވައި ހަތަރު ދުވަހުގެ ދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ނިންމާފައެވެ.