ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހއ. ތަކަންދޫ އަދި ލ. ގަމުގައި ކުރިއަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ތަކަންދޫ ސްކޫލުގައި ވަނީ އައުޓްޑޯ ރީޑިން ސަރަހައްދެއް ގާއިމްކޮށް ރަށުގައި ކޮމިއުނިޓީ ފޮތް ހަރުގަނޑުތަކެއް ބަހައްޓާފައެވެ. ތަކަންދޫ ސްކޫލުގެ ތެރޭގައިވާ ހުސް ޖާގަ ވަނީ ފޮތް ހަރުގަނޑު ބަހައްޓާ ހިޔާ ކޮށް ހަޓު ޖަހާފައެވެ. މީގެ އިތުރުން ރަށުގެ އެކި ސަރައްހަދުތަކުގައި ފޮތް ހަރުގަނޑުތަކެއްވެސް ވަނީ ބަހައްޓާފައެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަކަންދޫ އަދި ފޮނަދޫގައި ރީޑިން ޕާކެއް ގާއިމްކޮށްފި

އެ ޕްރޮޖެކްޓާ ގުޅޭގޮތުން ތަކަންދޫ އެކުވެރިންގެ ރޫހުގެ ފަރާތުން ވިދާޅުވީ މިހާރު ލައިބްރަރީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ސްކޫލު އޮފީސްކަމަށެވެ. އެހެންކަމުން އެ ޕްރޮޖެކްޓްގެ އަމާޒަކީ ދަރިވަރުން ފޮތް ކިއުމަށާއި ކްލާހުން ބޭރުގައި ބާއްވާ ހަރަކާތްތަކަށް އެކަށީގެންވާ ރަނގަޅު ޖާގައެއް ހޯދައިދިނުންކަމަށް ތަކަންދޫ އެކުވެރިންގެ ރޫހުގެ ފަރާތުން ވިދާޅުވިއެވެ.

"ސްކޫލު އޮފީހާ ވަކިން މި ސަރަހައްދު ގާއިމްކުރުމުގެ ސަބަބުން މިތަން ވެގެންދާނި ދަރިވަރުންނަށް ފަސޭހަ މާހައުލަކަށް. އަޅުގަނޑުމެން ރަށުގައި ފޮތް ހަދިޔާ ކުރާ ކެންޕޭނެއް ބާއްވާ މި އައުޓްޑޯ ލައިބްރަރީ އަށް އަދި ރަށުތެރޭ ބެހެއްޓިފައި ހުރި ފޮތް ހަރުގަނޑުތަކަށް އިތުރު ފޮތް އެއްކުރުމަށް ވަނީ ހަމަޖެހިފަ،" ތަކަންދޫ އެކުވެރިންގެ ރޫހުގެ ފަރާތުން ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަކަންދޫ އަދި ފޮނަދޫގައި ރީޑިން ޕާކެއް ގާއިމްކޮށްފި

ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ފޮނަދޫގައިވެސް ވަނީ ސްކޫލު ސަރަހައްދުގައި އައުޓްޑޯ ރީޑިން ސަރަހައްދެއް ގާއިމްކޮށްފައެވެ. އެ ސަރަހައްދަކީ ލާމު އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހާއްސަކޮށް ގާއިމްކުރެވުނު ސަރަހައްދެކެވެ. އެ ސަރަހައްދުގައި ގޮނޑިއާއި މޭޒު އަދި ފޮތް ހަރުގަނޑު ވަނީ ބަހައްޓާފައެވެެ.

އެ ޕްރޮޖެކްޓާ ގުޅޭގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފަރާތުން ފާތިމަތު ޝަހީދާ ވިދާޅުވީ އެއީ އެ ރަށަށް ބޭނުންތެރި ތަނެއްކަމުގައެވެ.

"މިއީ މިރަށަށް ވަރަށް ބޭނުންތެރި ތަނެއް. އަދި މި އައުޓްޑޯ ރީޑިންގ ސަރަހައްދުގެ ސަބަބުން ދަރިވަރުންގެ މެދުގައި ފޮތް ކިއުމަށް ލޯތްބާއި ޝައުގު އުފެދިގެންދާނެ." ފާތިމަތު ޝަހީދާ ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.