އއ. އުކުޅަހު ކުނިކޮށީގެ މައްސަލަ ސަރުކާރާ ގުޅިގެން ހައްލުކުރަން މަސައްކަތް ކުރާކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ޝައުކަތު ވިދާޅުވީ އުކުޅަހު ކުނިކޮށީގެ މައްސަލަ ހައްލުކުރަން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ. އެގޮތުން ގްރޭޓާ މާލެ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގައި އުކުޅަސް ހިމަނާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން މައުލުމާތު ދޭގޮތުގައި އެ ޕްރޮޖެކްޓް މިއަހަރުތެރޭ ނިމޭނެ. ނިމުނީމަ އުކުޅަހަކީ ކުނި އަންދާ ރަށަކަށް ނުވާނެ އެއްވެސް މިންވަރަކަށް،" އޭނާ ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އުކުޅަހުގެ ކުނި ގެންދާނީ ތިލަފުއްޓަށްކަމަށް ޝައުކަތު ވިދާޅުވިއެވެ. އަދި މިހާރު ވެސް 500،000 ރުފިޔާ ޚަރަދުކޮށްގެން އުކުޅަހު ކުނިގޮނޑުގައި ދުންހޮޅިއެއް ހަދާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޗިމިނީ [ދުންހޮޅި] ވެސް ހުންނާނީ 40ވަރަކަށް ފޫޓު މައްޗަށް އުސްކޮށްފަ،" އޭނާ ވިދާޅުވިއެވެ.

އުކުޅަހު ރައްޔިތުން ބޭނުންވަނީ އެއްވެސް ވަރަކަށް ރަށުތެރެއަށް ދުމުގެ އަސަރު ނުކުރާ ގޮތަށް ކުނިއަންދަން ކަމަށް ޝައުކަތު ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ ރަށަކީ ކުޑަ ރަށެއްކަމުން ކުނިކޮށި ރަށުގެ އެހެން ދިމާލަކަށް ބަދަލުކުރެވެން ނެތްކަމަށެވެ.

"މި ރަށަކީ ގާތްގަނޑަކަށް 12 ހެކަޓަރުގެ ރަށެއް. ރަށް މި އޮތީ ފުރިފަ. އަސްލު ކުނިކޮށި މޫވް ކުރާނެތަނެއް ނެތް މި ރަށަކު،" އޭނާ ވިދާޅުވިއެވެ.

ކުނިކޮށީގެ މައްސަލަ ބޮޑުވެފައި ވީ ނަމަވެސް އެކަމުން ރަށުގެ ޓުއަރިޒަމަށް އެއްވެސް އަސަރެއް ނުކުރެއެވެ.

"އެއްވެސް ކޮމްޕްލެއިން އެއް ނުލިބޭ ގެސްޓްހައުސް ތަކަކުން ކުނިކޮށީގެ މައްސަލައިގައެއް" ޝައުކަތު ވިދާޅުވިއެވެ.

ކުނި އެންދުމުގެ ސަބަބުން ރައްޔިތުންނަށް ދުމުގެ އަސަރު ފޯރުން ކުޑަކުރުމަށް މިހާރު އެ ރަށުގައި ކުނި އަންދަނީ ރޭގަނޑު 10:30ގެ ފަހުންނެވެ. ނަމަވެސް މިދިޔަ ހަފުތާގައި ބަޔަކު ކުނިކޮށީގައި ރޯކޮށްލުމާ ގުޅިގެން ސްކޫލުގައި ދުން ބޯވެ އުކުޅަހު ސްކޫލުގެ ކިޔެވުން ވެސް ކެންސަލްކޮށްފައިވެއެވެ.