އިންޑިއާގެ އެހީގައި އައްޑޫގައި އިމާރާތްކުރި ކޮލެޖް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓާއި އެހެނިހެން މަޝްރޫއުތައް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރު މިރޭ އައްޑުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިރޭ 07:15 ގައި ޑރ. ޖަޔަޝަންކަރު އައްޑޫއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުގައި ދެގައުމުގެ ދޭތެރޭ ރަސްމީ މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދެ ގައުމުގެ ހާރިޖީ ވަޒީރުން އެކުގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. އޭގެ ކުރިން، ޕޮލިސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތާއި، މާދަމާ ބާއްވާ އެހެނިހެން ހަފްލާތަކުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އައްޑުއަށް ވަޑައިގަންނަވާނެއެވެ.

އެ ދަތުރުފުޅުގައި މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޕޮލިސް އެކަޑަމީ ހުޅުވުމުގެ އިތުރުން އެކި ރަށްރަށުގެ ބަނދަރު ހުޅުއްވައި ދެއްވުމާއި، މަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް ފެއްޓެވުން ހިމެނެއެވެ.

މީގެ އިތުރުން އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.