އިއްޔެ އިދިކޮޅު ކޯލިޝަނުން މުޒާހަރާކުރި ވަގުތުގައި ފުލުހުންނަށް އިރުޝާދު ދެމުންދިޔަ ކަމަށް ތުހުމަތުކުރެވުނު މިހާއަކީ ފުލުހުންގެ ސިއްޙީ ޚިދުމަތްދޭބައިގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ މީހާ މުޒާހަރާގެ ވަގުތުގައި މަސައްކަތް ކުރީ ފުލުހުންގެ މެޑިކަލް ޓީމާއެކު ކަމަށެވެ.

އިއްޔެ، މީޑިއާ ތަކުގައި އޭނާގެ ފޮޓޯ ދައުރުވުމާއެކު، އޭނާއަށް އިންޒާރުތައް ލިބެމުންދާ ކަމަށް އޭނާ ބުނި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ފޮޓޯތަކުން އޭނާ މުޒާހަރާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވާތަން ފެނެއެވެ. މަންޒަރުދުށް ބައެއް މީހުން ބުނި ގޮތުގައި އޭނާ ފުލުހުންގެ ވެހިކަލްތެރޭ އިނދެގެން ފުލުހުންނަށް "އިރުޝާދު ދެމުންދާ"ތަން ވަނީ ފެނިފައެވެ.

"ނޭވާ ހޮޅިއަށް"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ހަރަކާތް ހުއްޓުވުމުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވި ކަމަށް އެ ކޯލިޝަނުން ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ޕީޕީއެމްގެ އޮފީސް ހުންނަ ސަރަހައްދު އެއްކޮށް ބަންދުކޮށް، މާލޭގެ ބޮޑެތި މަގުތަކުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން މުޒާހަރާއަށް ރަށްރަށުން އައި ބައެއް އުޅަނދުތައް ވަނީ ކަނޑުމަތިން ހިފަހައްޓާފައެވެ.