17 Mar 2012, 11:49
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ބަޔާނަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށާއި އެހެން ނަމަވެސް އެ ބަޔާނުގައި އިންތިހާބެއްގެ ތާރީހުގެ ވާހަކަ އޮންނާތީ ކަންބޮޑުވާ ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ އިންތިހާބެއްގެ ތާރީހެއް ދިނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ، އެބޭފުޅުން ފާހަގަ ކުރައްވާފައި އެބައޮތޭ ވަރަށް ބޮޑަށް އާލީ އިލެކްޝަން އެއް [އަވަސް އިންތިހާބު] ގެ ވާހަކަ، ދެން މިކަމާ އަޅުގަނޑުމެންގެ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް އެބައޮވޭ، އެއީ ގާނޫނު އަސާސީއަށް ބަލާލި ކަމުގައި ވިޔަސް، ވަރަށް ސާފުކޮށް އެބަ އެނގޭ ރާއްޖޭގައި ސަރުކާރު ބަދަލުވެގެން މިދިޔައީ ހަމަ ލީގަލީ މީގަ އެއްވެސް ކަހަލަ ސުވާލެއް ނޫފެދޭ ގޮތަށް،" ދުންޔާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުވިގޮތާ ބެހޭ ގޮތުން ލެޖިޓިމެސީ ސުވާލެއް އޮތް ކަމަށް ބޭރުގެ ގައުމުތަކުން ވެސް ގަބޫލު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އެކަން ތަހުގީގުކުރަން ސަރުކާރުން އިންކްއަރީ ކޮމިޝަނެއް އުފައްދާފައިވާ ކަމަށެވެ. އަދި އެކޮމިޝަންގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެހެންވީމާ ކަންތައްތައް ހިނގާދިޔަ ގޮތް ބަލަން ބޭނުންވާ ނަމަ ކޮމިޝަންގެ މަސައްކަތް ނިމުނުން އެކަން ސާފުވާނެ ކަމަށެވެ.
ދުންޔާ އަދި ވިދާޅުވީ އިންތިހާބެއްގެ ތާރީހެއް ކަނޑައެޅުމުގެ ކަންތަކުގައި ސީމެގުން މާބޮޑަށް ހިފަހައްޓައިގެން އުޅޭތީ ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބަކަށް ދާން ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެހެން ނަމަވެސް އެކަމުގައި ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮންމެވެސް ހައިރާން ކަމެއް އެބައޮވޭ، އެއީ މިނުކުތާގައި މާބޮޑަށް މިބޭފުޅުން ހިފަހައްޓައިގެން އުޅުއްވާތީ، އިލެކްޝަން ޑޭޓެއް ކަނޑައެޅުމުގެ ކަންތަކުގައި، މިކަމުގައި ސަރުކާރުގެ ޕޮޒިޝަން އޮތް ގޮތަކީ، އަޅުގަނޑުމެން މިތިބީ ހަމަ އިލެކްޝަން ޑޭޓެއްގެ މަޝްވަރާއަށްދާން ތައްޔާރަށޭ، ހަމަ އޭގެ އިތުރުން ކްރޮސްޕާޓީ ސަޕޯޓް އަޅުގަނޑުމެން ބޭނުންވޭ، އަދި މަޖިލިސް ތެރެއިންނޭ މި މަސައްކަތް ނިމިގެން ދާން ޖެހޭނީ،" ދުންޔާ ވިދާޅުޅުވިއެވެ.
އެކަމަނާ ވިދާޅުވީ ހުރިހާ ޕާޓީތަކުގެ މަޝްވަރާތައް މިހާރު ކުރިއަށް ނުދާ ކަމަށާއި އެކަމާ ކޮމަންވެލްތުން ކަންބޮޑުވާ ފަދައިން ސަރުކާރުން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި އެމްޑީޕީގެ ބައިވެރިވުން ނުފެންނަ ކަމަށާއި ސުލްހަވެރި މަޝްވަރާތަކަށް ގޮވާލަމުން ދާއިރު މަގުމަތީގެ ހަރަކާތްތަކަކާއި މަޖިލިސް ހުއްޓުވާތަން ފެންނަ ކަމަށެވެ.
ދުންޔާ ވިދާޅުވީ އިންތިހާބެއްގެ ތާރީހެއްގެ ވާހަކަ ދެއްކުމުގެ ކުރިން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ރާއްޖޭގައި އެބަހުރި ކަމަށާއި އެގޮތުން ސުލްހަވެރި އަމާން މާހައުލެއް އުފައްދަން ޖެހޭ ކަމަށެވެ. އަދި މުއައްސަސާ ތަކަކީ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ކަމާއެކު މަސައްކަތް ކުރާ މުއައްސަސާތަކަށް ހަދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދެން ވިދާޅުވީ އެކަންތައްތައް ނުކޮށް ކުއްލިއަކަށް އިންތިހާބަކަށް ގޮސްގެން ނުކުންނަ ނަތީޖާއަކާ މެދު ބަޔަކަށް ސުވާލެއް އުފެދިއްޖެ ނަމަ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށާއި ހަނގުރާމަކައަކަށް ދިއުމަކީ ވެސް ނުވާނެކަމެއްކަމަށް ދެންނެވެން ނެތް ކަމަށެވެ.
"މިހާރުވެސް މިއޮތީ ވަރަށް ބޮޑަށް ބައިބައިވެފައި އޮތް ގައުމެއް، އޭގެ އިތުރަށް ކުއްލި އިލެކްޝަނެއް އައިސްގެން މީގެ ރިޒަލްޓްސަށް އެއްވެސް ކަހަލަ ސުވާލެއް އައިސްފި ނަމަ، ނުވަތަ އެއްބަޔަކު ގަބޫލު ނުކުރާ ކަމަށް ވިޔަސް، އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ހާލަތު ހަމަ ހަނގުރާމައަކަށް ދިއުމަކީ ވެސް ނުވާނެ ކަމަކޭ ދެންނޭވަކަށް ނެތް ހެން، އަޅުގަނޑުމެން ނޭދެން ރާއްޖޭން އެކަހަލަ ކަމެއް ފެންނާކަށް" ދުންޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅީ ސިމެގްގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވާ އަނެއް ކަމަކީ ކުރީގެ ރައީސް ނަޝީދަށް ހިމާޔަތާ ރައްކާތެރިކަން ދިނުމުގެ ކަންތައް ކަމަށާއި ކުރީގެ ރައީސަށް މިހާރުވެސް ހިމާޔަތާ ރައްކާތެރިކަމާ މިނިވަންކަން ލިބިދީފައިވާ ކަމަށެވެ.
ސީމެގްގެ ބަޔާނުގައި ވަކި އިންސާނެއްގެ މަސްލަހަތަށް އިސްކަން ދީފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
ސީމެގް އިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޓެލެކޮންފަރެންސަކަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ ލެޖިޓިމެސީ ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރެވޭ ކަމަކަށް ހެދުމަށްޓަކައި ރައްޔިތުންގެ ބަހެއް ( ވޯޓެއް) ބޭނުންވާ ކަމަށާއި ރާއްޖޭގައި އަވަސް އިންތިހާބެއް ބާއްވަން ޖެހޭ ކަމަށެވެ.
ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅި މަންދޫބު ސާ ޑޮން މެކެނަން އިއްޔެ ވަނީ ރާއްޖެ ވަޑައިގެންގައެވެ.