އައިޒަކް މަޖާވެގެން ޒިވިއަންއަށް މަލާމާތްކުރަން ފެށިއެވެ. ދެމީހުން އެކަކު އަނެކަކާއި ދިމާއަށް އެއްޗެހި ކިޔަކިޔާފައި ހެމުންދިޔަތަން ބަލަން އިރަމް ހުރީ ފެންކަޅިވެފައެވެ. އިރަމް ހިތާއިހިތުން އަޒުމެއް ކަނޑައެޅިއެވެ. އައިޒަކަކީ ޒިވިއަންގެ ބޭބެ ކަމުގައިވާނަމަ، ޒިވިއަންއަށް އޭނާގެ ބޭބެގެ ލޯބި ހޯދައިދިނުމެވެ.

********

ޒިވިއަންގެ ކުޑައިރުގެ ތަސްވީރެއް ފެނުނުފަހުން، އިރަމްގެ ހިތް ބުނަމުން ދިޔައީ ޒިވިއަންއަކީ އައިޒަކްގެ ކޮއްކޮ ކަމުގައެވެ. އައިޒަކް ކުޑައިރު ނަގާފައިވާ ތަސްވީރުތަކުގެ ތެރެއިންވެސް އޭނާއަށް ވަނީ ޒިވިއަންގެ ކުޑައިރުގެ ތަސްވީރެއް ފެނިފައެވެ. ދެމީހުން ނުހަނު ވައްތަރެވެ. އެއީ އިއްތިފާގަކަށް ނުވާނެއެވެ. އައިޒަކާއި ޒިވިއަންއަށް އެކަކު އަނެކަކު ފެނުމުން ވާ ގޮތްތައްވެސް އެކަމުގެ ހެއްކަކަށް ފުދެއެވެ.

ބާބަކިޔު ހެދުމުގެ ވަގުތު ކުރިއަށްދިޔައިރު، އެންމެން އެކަކު އަނެކަކާއި މަޖާކޮށްފައި އުޅުނެވެ. އެކަކަށްވެސް އައިޒަކާއި ދިމާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެއާއި ޙިލާފަށް އެންމެން އުޅުނީ ޒިވިއަން އާއި ދިމާކުރުމުގައެވެ. މަސައްކަތުގައިވެސް އިސްރޯލެއް އަދާކުރަމުން ދިޔައީ ޒިވިއަން ކަމުގައިވީތީއެވެ.

ޒިވިއަން މަސްތަކުގައި ހަވާދުލާން އިންއިރު، އިރަމް ބަލަހައްޓައިގެން ހުއްޓެވެ. ބެލި ވަރަކަށް އައިޒަކާއި ޒިވިއަންގެ އެއްގޮތް ސިފަތަކެއް ހުރިކަން އޭނާއަށް ފާހަގަވަމުން ދިޔައެވެ. އިރަމް މާ ވަރަކަށް ޒިވިއަންއަށް ބަލާތީ އައިޒަކަށް ނެގުނީ އެހެން މާނައެކެވެ. އަނެއްކާ އިރަމްގެ ހިތް ޒިވިއަންއަށް ލެނބެނީ ހެއްޔެވެ؟ އަންހެން ކުދިންނަކީ، މަސައްކަތްތެރި ޒުވާނުންނަށް ހިތްކިޔާ ބައެކެވެ. ހާއްސަކޮށް ޒިވިއަން ކަހަލަ ފިރިހެންވަންތަ ސިފަތަކެއް ލިބިފައިވާ މީހަކު އެފަދައިން ހަރަކާތްތެރިވެ އުޅޭ އުޅުން އަންހެން ކުދިންނަށް ފާހަގަވާލެއްވެސް ބޮޑުވާނެއެވެ. ހާއްސަކޮށް ޒިވިއަންއަކީ އެންމެންނާއި ގުޅޭ އެކުވެރި މިޒާޖެއްގެ މީހަކަށް ވީތީއެވެ.

"ޒިވިއަން ހާދަ ހޭންޑްސަމްއޭ... އަހަރެމެންނަށް ހަވާދުލާން ނުޖައްސާ ހުރިހާ މަހެއްގަ ހަވާދު އެލަނީ އަމިއްލައަށް... އޭނަގެ ވައިފް ކިހާ ނަސީބުވެރިވާނެ... ހިތަށް އަރާ އަހަރެން މީ އެ ފިލޮޅުނަމައޭ..." ޝާއިރާ އިރަމްގެ ކައިރިއަށް ޖެހިލުމަށްފަހު ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. އޭނާ ލޮލުގެ އިޝާރާތުން ޒިވިއަން ހަވާދުލާން އިން މަސް ދައްކައިލިއެވެ.

"ހޭންޑްސަމްވީމަ އޯކޭތަ ގައިގަ ޅިޔަ އަޅާލާފަ ހަވާދުލިޔަސް..." އިނާޒަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

"ޖޭވީދޯ..." ޝާއިރާ އިނާޒަށް ބަލައިލާފައި ލޯ އަޅައިލިއެވެ. ހަމަ އެހާ އަވަހަށް އޭނާ ހީގަތެވެ. އިނާޒުގެ މުޅި ގައިގެ އެކި ތަންތަނުގައި ދެލި ހޭކިފައި ހުރިއިރު، ލައިގެން ހުރި ޓީޝާޓުންވެސް ބައެއް އޮތީ ވިރިފައެވެ.

"ވަޓް؟..." ޝާއިރާ މާ ވަރަކަށް ހޭތީ، އިނާޒު އަހައިލިއެވެ.

"ތިހާ ޖޭވަންޏާ ދާންވީނު މަސައްކަތަކަށް ވާކަހަލަ ކޮންމެސް ކަމެއް ކުރަން..." ހިނިގަނޑު މައިތިރިކުރަން މަސައްކަތް ކުރަމުން ޝާއިރާ ބުންޏެވެ.

"އަހަރެމެން މިކުރާ މަސައްކަތެއް ނުފެނޭތަ؟... ބަލާބަލަ ނާށި އަޅައިގެން ކިހާ ހާލަކުން ރޯކޮށްފަ އެހުރީ..." އިނާޒު އިޝާރާތްކުރީ ރޯކޮށްފައިވާ އަލިފާންގަނޑަށެވެ.

"ދުވަހަކު މަސައްކަތެއް ނުކުރާ މީހަކު ކަމެއް ކުރަން އުޅުނީމަ ވާނެ ތިކަހަލަ ހުރިހާ ކަމެއްވެސް..." ޝާއިރާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

އިނާޒު ކުދިކިޔަމުން އެތަނުން ދިޔައެވެ. އައިޒަކަށްވެސް ހުރެވޭ ވަރެއް ނުވިއެވެ. އަނބިމީހާގެ ކުރިމަތީގައި އޭނައަކީވެސް ކަންކަން ކުރަން ކެރޭ، މުރާލި ފިރިހެނެއްކަން ދައްކަން ބޭނުންވިއެވެ. ޒިވިއަންއެކޭ އެއްވަރަށް އޭނާއަށްވެސް މަސައްކަތް ކުރެވިދާނެއެވެ. މަހުގައި ހަވާދުވެސް ލެވިދާނެއެވެ. ލައިގެން ހުރި ހުދުކުލައިގެ އަތްދިގު ގަމީހުގެ އަތުކުރި އޮޅައިލުމަށްފަހު، ޒިވިއަން އާއި ދިމާއަށް އައިޒަކް ހިނގައިގަތެވެ.

"ގެނޭ އަހަރެން އަތަށް..." ޒިވިއަން ބަލައިލުމުން އައިޒަކް އެދުނެވެ.

"އޭނ؟..." ޒިވިއަން ހައިރާންވީވަރުން އަނގަ ހުޅުވުނު ގޮތަށް ލައްޕަންވެސް ނޭނގުނެވެ. އައިޒަކް އިސްވެ މަހުގައި ހަވާދުލާން ބޭނުންވީ ކީއްވެކަމެއް ވިސްނާ ވިސްނާވެސް އޭނާގެ ސިކުނޑިއަކަށް ނައެވެ.

"މަހުގަ ހަވާދުލާން ދޭށޭ މިބުނީ..." އައިޒަކް ތަކުރާރުކޮށްލިއެވެ.

ބާކީ ހަވާދުނުލެވި އޮތީ އެންމެ މަހެއް ނަމަވެސް، ޝަކުވާ ކުރުމެއްނެތި ޒިވިއަން ތެދުވިއެވެ. މޮޅުހެން ހީވާ ގޮތްގޮތަށް މަސް ފުށުން ޖަހައިލުމަށްފަހު، އައިޒަކް އިރަމްއަށް ބަލައިލިއެވެ. އިރަމް ހައިރާންވެފައި ބަލަން ހުރިގޮތުން އޭނާ ފަހުރުވެރިވިއެވެ.

"ބަލަން ހުންނައްޗޭ، ޒިވިއަންއަށްވުރެ މާ ހޭންޑްސަމްވާނެ އަހަރެން..." އައިޒަކް ހިތާއިހިތުން ބުނެލިއެވެ.

މަހުގައި ހަވާދުލާން ފެށިއިރު، ހުރެވުނީ އަތަށް އެއްޗެއް ނުލައްވާކަންވެސް އައިޒަކްގެ ހަނދާނުގައި ނެތްކަހަލައެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ އިރަމްއަށެވެ.

"އިރޫ...." ޝާއިރާ އިރަމްގެ ކޮނޑުގައި ޖެހިގަތެވެ. "ބަލާބަލަ ބޮސް... ހޭންޑްސަމްދޯ..."

ޝާއިރާ އޭނާގެ ފޯނު ނަގާފައި އައިޒަކްގެ ތަސްވީރެއް ނެގިއެވެ. އޭނާ ދިޔައީ ހުއްޓާނުލައި އައިޒަކަށް ތައުރީފުކުރަމުންނެވެ. ހިތަށް އުނދަގޫވި ނަމަވެސް، އެކަން ނުދައްކައިވޭތޯ އިރަމް މަސައްކަތްކުރިއެވެ. އައިޒަކަށް ނުބަލަން އުޅުނަސް އޭނާއަށް އެނޫން ދިމާއަކަށް ނުބެލުނެވެ. ޝާއިރާގެ ކައިރީގައި އައިޒަކަކީ ހަމައެކަނި އޭނާގެ ހައްގެކޭ ބުނަން އިރަމްގެ ހިތަށް ތަކުރާރުކޮށް އެރިއެވެ.

މަހުގައި ހަވާދުލައި ނިމުނުއިރު އައިޒަކްގެ ދެލޯ ވަނީ ރަތްވެފައެވެ. ދެއަތުން ދިލަ ނަގާވަރުން އޭނާއަށް ކެތްވަނީއެއްވެސް ނޫނެވެ. އެންމެން ނުބަލާ ދަނޑިވަޅު ބަލާފައި އައިޒަކް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފާހާނާއަށް ވަނެވެ. ލައިގެން ހުރި ގަމީހުގެ އަތުކުރީގައި ދަތް އަޅާފައި މާ ބާރަށް އަޑު ނުނުކުންނާނޭހެން ހަޅޭއްލަވައިގަތެވެ. ކުޑަކޮށް މީހާ ހަމައަކަށް އެޅިލުމުން އައިޒަކް ބޭރަށް ނުކުތެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުރި އިރަމް ފެނުމުން އޭނާ ހުއްޓުން އެރިއެވެ.

"ވަރަށް ދިލަ ނަގާތަ؟..." އިރަމް ހާސްވެފައި އަހައިލިއެވެ.

"ކިހިނެއް އެނގުނީ؟..." އައިޒަކް ހައިރާންވިއެވެ.

މޭޒުމަތީގައި ބައިންދާފައިވާ އައިސް ބޮކްސް ހިފައިގެން އިރަމް ހަލުވި ފިޔަވަޅުތަކެއްގައި އައިޒަކްގެ ކައިރިއަށް ދިޔައެވެ. އައިޒަކްގެ އަތުގައި ހިފައި ގެންގޮސް އެނދުގައި ބައިންދައިލިއެވެ. އެއަށްފަހު، ކައިރީގައި އިށީނދެފައި، އައިސް ބޮކްސްގެ ތެރެއަށް އައިޒަކްގެ ދެއަތް ލައިދިނެވެ.

"ދެލޯވެސް ރަތްވެފަ ތިހުރީ... މޫނުގަ އަތްލީތަ؟..." އިރަމް ވަރަށް ލޯބިން އަހައިލިއެވެ.

އިރަމް އައިސްކިއުބްކޮޅެއް ނަގާފައި އައިޒަކްގެ މޫނުން ރަތްވެފައިވާ ތަންތަންކޮޅުގައި ޖައްސަމުންދިޔައެވެ. އައިޒަކް އިނީ ކަޅި ޖަހާވެސްނުލައި އިރަމްގެ މޫނަށް ބަލާށެވެ. ކަންބޮޑުވެފައިވާ އިރަމްގެ މޫނުން ފެންނަމުން ދިޔައީ އޯގާތެރިކަމާއި އަޅާލުމެވެ. އައިޒަކްގެ ހިތް ލޯބިން ފުރެމުން ދިޔައެވެ.

"ކީއްވެ އަންގި ނުލެއްވީ؟... މީހުން ހަވާދުލާނީ އަންގި ލައްވައިގެންނޭ..." ޝަކުވާގެ ރާގަކަށް އިރަމް ވާހަކަދެއްކިއެވެ.

އައިޒަކަށް ދުރުގައި ނީނދެވުނެވެ. ކުއްލިއަކަށް އިރަމްގެ ގައިގައި ބައްދައިލިއެވެ.

"ތޭންކް ޔޫ..." އައިޒަކަށް ބުނެވުނެވެ.

"ކޮންކަމަކާ؟..." ޖަވާބު އެނގޭ އިރުވެސް އިރަމް ތުއިވެލިއެވެ. އޭރު އެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

"ހުރިހާ ކަމަކަށްވެސް... އަހަރެންގެ ހަޔާތަށް އައީމަ... އަހަރެންދެކެ ތިހާ ލޯބިވާތީ..." އައިޒަކް ޖަވާބުދިނެވެ.

"އަހަރެން ކަހަލަ މީހަކު ނުލިބޭނެ... ހޯދަންވެސް ނޫޅޭތި..." ލޯބިން އިންޒާރެއް ދޭކަހަލަ ރާގަކަށް އިރަމް ބުންޏެވެ.

"އައި ލަވް ޔޫ..." އައިޒަކް ވަރަށް ބާރަށް އިރަމްގެ ގައިގައި ބައްދައިލިއެވެ.

ކޮންމެވެސް މީހަކު ކޮޓަރި ދޮރު ހުޅުވައިލި އަޑު އިރަމްއަށް އިވުނެވެ. އިރަމް އަވަހަށް އައިޒަކް ދުރުކޮށްލިއެވެ. އޭނާ ދެލޯ ބޮޑުކޮށްލަމުން ދޮރާއި ދިމާއަށް ބަލައިލިއިރު އެމީހަކު ދޮރު ލައްޕައިފިއެވެ. އިރަމް ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ.

"ކާކު އެ އައީ؟... ކީއްވެ ނުވަދެ އެދިޔައީ؟..." އިރަމް ހާސްވެގެން އަހައިލިއެވެ.

"ކޮންމެ މީހަކު އަޔަސް ކޮބާ މައްސަލައަކީ؟..." އިރަމްގެ ކޮނޑުގައި ހިފައިލަމުން އައިޒަކް ބުންޏެވެ.

"ފެނިއްޖެއްޔާޔޯ؟...." އިރަމް އަހައިލިއެވެ.

"ހާސްނުވެބަލަ... އަހަރެމެން ގޯސްކަމެއް ނުކުރަމެއްނު..." އައިޒަކް އިނީ ހަމަޖެހިފައެވެ.

"އެކަމަކުވެސް..." އިރަމް ބުންޏެވެ.

"އަހަރެމެން މިއުޅެނީ މެރީކޮށްގެންނެއްނު..." އިރަމްގެ އުނަގަނޑުގައި އަތް އަޅުވައި، ކައިރިއަށް ދަމައިލަމުން އައިޒަކް ބުނެލިއެވެ.

ބޭރަށް ނުކުމެފައި އިރަމްއަށް ފަހަރަކު މީހަކަށް ބެލެމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. ކޮންމެވެސް މީހަކަށް އެ ދެމީހުން އެކުގައި ތިއްބާ ފެނިއްޖެއެވެ. އެމީހަކީ ޝާއިރާ ހެއްޔެވެ؟ އިނާޒު ހެއްޔެވެ؟ ނޫނީ ސަލާމު ހެއްޔެވެ؟

"ހާދަ ހާސްވެފަ؟..." އިރަމް ސިހުނީ ނުހަނު ކައިރިން ޒިވިއަންގެ އަޑު އިވުމުންނެވެ.

"ނޫން ނުވޭ..." ނިތްކުރިމަތީގައިވާ ދާތިކިތައް ފޮހެލަމުން އިރަމް ބުންޏެވެ.

މަހާއި ކުކުޅުތައް ފިހެވެމުންދިޔަ މީރުވަސް މުޅި ތަނުގައި ހިފައިލިއެވެ. ފިހެވެމުންދިޔަ ވަރަކަށް ޒިވިއަން ދިޔައީ އިރަމްގެ ތަށްޓައް ލައިދެމުންނެވެ. އިރަމްއަށް ޖޫސް އަޅައިދިނީވެސް ޒިވިއަންއެވެ. އިރަމްގެ ހުރިހާ ކަމެއް ޒިވިއަން ކޮށްދެމުންދާތީ، އައިޒަކް ހުރީ، އުނދަގޫވެފައެވެ.

"ކޮބާ ގޭމް ގަޑި... ރެޑީތަ؟..." ސަލާމުގެ އަޑަށް އެންމެން އެއްފަހަރާ އަޑު އައި ދިމާއަށް ބަލައިލިއެވެ.

ކަރުދާސްކޮޅުތަކަކާއި ކުޑަ ފޮށްޓެއް ހިފައިގެން ސަލާމު އައެވެ. ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ސުވާލަކާއި ސުވާލުކުރަން ބޭނުންވާ މީހާގެ ނަން ޖަހާފައި ފޮށި ތެރެއަށް ކަރުދާސްކޮޅު ލުމަށް އޭނާ އެދުނެވެ. ކަރުދާސްކޮޅުތައް ތައްޔާރުވެ ނިމުމުން، ފަހަރަކު މީހަކަށް ނަގަން ޖެހުނެވެ. އިރަމްއަށް ނެގުނީ ޒިވިއަން ޖަހާފައިވާ ކަރުދާސްކޮޅެކެވެ.

"ލޯބިވާ މީހަކު އެބަހުރިތަ؟..." ކަރުދާސްކޮޅުގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލުމަށްފަހު އިރަމް ބަލައިލީ ޒިވިއަން އާއި ދިމާއަށެވެ.

ޒިވިއަން ބޯ ޖަހައިލުމުން، އެންމެން އެއްފަހަރާ ދިމާކުރާ ކަހަލަ ގޮތަކަށް އަޑެއް ލައްވައިލިއެވެ. ނުތަނަވަސްވީ އައިޒަކެވެ. ޒިވިއަން ލޯބިވާ ކުއްޖަކީ އިރަމް ހެއްޔެވެ؟

"ކޮން ކުއްޖެއް؟..." އިރަމް ޝައުގުވެރިވެފައި ސުވާލުކުރިއެވެ.

"އެއް ސުވާލެއްނު ކުރެވޭނީ..." ޒިވިއަން އެއްލޯ މަރައިލިއެވެ.

"ދެން ބުނެބަލަ... އޯކޭ ފެށޭ އަކުރު ވިޔަސް..." ޝާއިރާއަށް ކެތެއް ނުވިއެވެ.

"އަލިފް..." ޒިވިއަން ބުނެލިއެވެ.

އައިޒަކަށް އިރަމްގެ ކައިރިއަށް ޖެހިލެވުނެވެ. ޒިވިއަން އެ ދައްކަނީ އިރަމްގެ ވާހަކައެވެ. އައިޒަކަށް ވީގޮތް ފެނުމުން ޒިވިއަންއަށް މަޖާވިއެވެ.

އައިޒަކްގެ ސުވާލު ނެގުނީ ޝާއިރާއަށެވެ. ޝާއިރާ ލަދުން ސުވާލު ކުރަން ނުކެރިފައި އިންދައި ކައިރީގައި ތިބި ކުދިން އޭނާއަށް ހިތްވަރުދީ، ވާހަކަ ދެއްކުވިއެވެ.

"ހުސްތަ؟..." ޝާއިރާ ވަރަށް ނުކެރި އިނދެފައި އަހައިލިއެވެ.

އައިޒަކް ދައްކައިލީ އޭނާގެ ކަށި އިނގިލީގައި އަޅާފައިވާ އަނގޮޓިއެވެ. އެންމެން ހައިރާންވެގެން އެކަކު އަނެކަކަށް ބަލަން ފެށިއެވެ. އިރަމް ހިންދިރުވައިލިއެވެ. އައިޒަކް އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ އެ ދެމީހުންގެ ވާހަކަ އެންމެންގެ ކައިރީގައި ހާމަކުރަން ހެއްޔެވެ؟

އައިޒަކް ހީކުރިގޮތާއި ހިލާފަށް އެކަކަށްވެސް އޭނާއަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.

"މުޅިން ސަކަރާތެއްނު... އަހަރެން އަދި ބޮސް ސެޓުކުރަން ހިތުލައިގެން މިހުރީ..." ޝާއިރާ އިރަމްގެ ކައިރީގައި ސިއްރުން ބުނެލިއެވެ.

އިރަމް އެ އަޑު އިވޭ ކަމަށްވެސް ހަދާނުލައެވެ. ޝާއިރާދެކެވެސް އޭނާ އިނީ ހިތްހަމަނުޖެހިފައެވެ. ފަހަރަކު މީހަކު ސުވާލެއް ނަގަމުން ގޮސް، ޒިވިއަންއާއި ޖެހުނެވެ. އިރަމްގެ ސުވާލު ނެގުނީ ޒިވިއަންއަށެވެ.

"މެރީކޮށްގެން އުޅެނީ ކާކާ؟..." ޒިވިއަން އަހައިލީ ކަރުދާސްކޮޅުގައި އޮތް ސުވާލެއް ނޫނެވެ.

އިރަމް ދެލޯ ބޮޑުކޮށްލަމުން އައިޒަކްގެ މޫނަށް ބަލައިލިއެވެ. އޭނާއަށް އޮތީ ދެގޮތެވެ. ތެދު ހާމަކުރުމެވެ. ނުވަތަ ކުރިމަތީގައި އޮތް ގިތެޔޮމިރުސް ކާލުމެވެ.

އިރަމް ދެލޯ މަރައިލުމަށްފަހު މިރުސް ނެގިއެވެ. ޝާއިރާ އަނގަޔަށް ގޮތެއް ހަދައިލަމުން، ކިރުތަށި އިރަމްގެ ކައިރިއަށް ޖައްސާލަދިނެވެ. އައިޒަކް ކުއްލިއަކަށް އިރަމްގެ އަތުގައި ހިފެހެއްޓިއެވެ. އެންމެންނަށް ލިބުނީ ސިހުމެކެވެ.

(ނުނިމޭ)