ފުވައްމުލަކު ސިޓީގައި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ގާއިމް ކުރުމަށް ނިންމައިފައިވާ ކަމަށް ރައީސް ޢިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންގެ އެ މަނިކުފާނުގެ ދެކަނބަލުންނަށް ދެއްވާ މާހެފުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކު ސިޓީއަކީ ވެސް ރާއްޖޭގެ އެހެން ސިޓީތަކެކޭ އެއްފަދައިން ސިޓީއަކަށް ލިބެންޖެހޭ ފުރިހަމަ ހިދުމަތް ލިބިގެންދާން ޖެހޭ ސިޓީއެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. މިގޮތުން ރައީސް ވަނީ އެ ރަށުގައި ހިންގުމަށް ރޭވިފައިވާ ބައެއް މަޝްރޫއުތައް ހިއްސާކުރައްވައިފައެވެ.

ސިއްހީ ދާއިރާއިން އެ ސިޓީއަށް މުހިންމު ތަރައްގީތަކެއް ގެންނަވާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގައި ގާއިމް ކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލު ތަރައްގީ ކުރާނީ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށެވެ. ފަންސާސް އެނދުގެ މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ފުވައްމަލުގައި ގާއިމްކޮށްފައިވާ އެއާޕޯޓު ބޮޑު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއާޕޯޓު ބޮޑުކުރުމަކީ އެ ރަށު ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ސިޓީގައި މިހާރު އޮތް ރަންވޭއަކީ ބައެއް ފްލައިޓްތައް ޖެއްސުމަށް އެންމެ އެކަށީގެންވާ ރަންވޭއެއް ނޫން ކަމަށެވެ.

"އަޅުގަނޑު މިހާރު ވާނީ ޕްލޭނިން މިނިސްޓްރީގައި ދަންވައިފައި، އެއާޕޯޓު ބޮޑު ކުރެވޭނީ ކިހާ ވަރަކަށްތޯ ބެލުމަށް ޓެކްނިކަލް ސާވޭއެއް ހެދުމަށް، އެއަށްފަހުގައި މި ރަށުގެ އެއާޕޯޓު ބޮޑު ކުރެވޭނެ އެންމެ ބޮޑު މިނަކަށް އިރާދަކުރެއްވިއްޔާ އެކަން ކުރާނެ،" ރައީސް ވިދާޅުވިއެވެ.

އެއާޕޯޓުގެ އިތުރުން އެ ރަށުގެ ބަނދަރުގެ ޖާގަ ބޮޑުކުރުމަށާއި އެ ރަށުގެ އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ވެސް ކުރަން ރާވައިފައިވާ ކަން ރައީސް ހާމަކުރެއްވިއެވެ.

މީގެ އިތުރުން ރިޔާސީ ވައުދެއް ކަމަށްވާ ފަތާ ފެންގަނޑުގެ މަސައްކަތާއި ފުވައްމުލަށް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެކަމުގެ ތަޖުރިބާ ހުރި ކުންފުންޏަކާ މިހާރު ހަވާލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.